މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑާއިގަންނަވާ ތިން މިނިސްޓަރަކު މޯލްޑިވްސް މާރކެޓިން އެންޑް ޕަބްރިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގެ ތެރޭގައި ސަރުކާރުން ބޭރުކޮށްލާނެ ގޮތެއް ހޯއްދަމުންދާ ކަމަށް މަހިނބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިގު ވިދާޅުވެއްޖެ އެވެ.
އަންގަރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއި، ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލުގެ އިތުރުން ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފް ސަރުކާރުން ބޭރުކުރާނެ ގޮތެއް ހޯދުމުގެ މަސައްކަތް މި ސަރުކަރުން ކުރަމުންދާ ކަމަށެވެ.
ޓޮމް ވިދާޅުވީ އިސްތިޢުފާ ދެއްވަފައި ވަޑައިގަތުމަށް އެންގެވެން އޮއްވާ އޭގެ ބަދަލުގައި ހަޑި ނަމެއް އަޅުއްވައިފައި އެ ތިން މިނިސްޓަރުން ބޭރުކުރުމުގެ މަސައްކަތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރެއިން ކުރަމުންދާ ކަމަށެވެ.
ޓޮމް ވިދާޅުވީ އެބޭފުޅުން ބޭރުކުރަން އުޅުއްވަނީ އެމްޑީޕީއަށް ނިޞްބަތްވާ ބޭފުޅުންތަކަކަށް ނުވާތީ ކަމަށް ވެދާނެ ކަމަށެވެ. ޓޮމް މިހެން ވިދާޅުވި ނަމަވެސް ޔޫތް މިނިސްޓަރ މަހުލޫފަކީ އެމްޑީޕީގެ މެންބަރެކެވެ.
ޓޮމް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އެ އިންނަވަނީ މައްސަލަތައް ދޮލަނގަކަށް ލައިގެން ދެކޮޅަށް ކައްކާލަ ކައްކާލަ ކަމަށެވެ.
ޓޮމް ވިދާޅުވީ މި ސަރުކާރަކީ ހާޖަރާގެ ލުޠުފީ ކައިރިން ސަލާމަތް ނުވި ސަރުކާރެއް ކަމަށާއި އެމްޑީއެންގެ ރިޕޯޓް ލިއުމުގައި ބައިވެރިވި ޝަހިންދާމެންގެ ކައިރިން ވެސް ސަލާމަތް ނުވި ސަރުކާރެއް ކަމަށެވެ. ޓޮމް ވާހަކަ ދައްކަވަމުން ދިޔަ ވަގުތު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާފައެވެ.
ޓޮމްގެ ވާހަގަ ކުރިއަށް ނުގެންދެވުން އެކަމާ ޝަކުވާ ކުރައްވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރީތިކޮށް ހިންގާ ރައްޔިތުންގެ މަޖިލީހެއް ކަމަށާއި ދުނިޔޭގެ މިންގަނޑުތަކުން ބައްލަވައިފި ނަމަ ވަރަށް ބަލާޣާތްތެރިކޮށް ހިނގާ މަޖިލީހެއް ކަމަށެވެ. ރައީސް ނަޝީދުގެ ވާހަހަފުޅަށް ރައްދު ދެއްވާ ޓޮމް ވިދާޅުވީ މަޖިލީހުގައި ބަހުޘް ކުރައްވަމުން ގެންދަވާ މެންބަރުންނަށްވުރެ މަޖިލީހުގެ ރައީސް ދައްކަވާ ވާހަކަފުޅު ގިނަ ކަމަށެވެ.
އިއްޒަތްތެރި ރައީސް މިތަން ބަލާގާތްތެރިވާން އިއްޒަތްތެރި މެންބަރުން ދައްކަވާ ވާހަކައަށްވުރެ އިއްޒަތްތެރި ރައީސް ދައްކަވާ ވާހަކަ ގިނައީ. ބަހުސް ކުރާ މަރުހަލާގައި އެޖެންޑާގައި އޮންނަ ކަންކަމަށްވުރެ ރައީސް ގިނަ ކަންތައްތަކުގައި ބަހުސް ކުރައްވަމުން ގެންދަވަނީ. އޭގެ ތެރޭގައި އިސްލާމްދީނާ ދެކޮޅު ވާހަކައެއް ނަމަ ރައީސް ވަރަށް ފަސޭހައިން އޭގެތެރެއަށް ވަދެގަނޭ. އިއްޒަތްތެރި ރައީސް އަބަދު ތި އޮންނަވަނީ ސަޖިދައިގައި، ތެދުވާ ގަޑީގައި ގޮވާލަނީ ޝަހިންދާ ބަރާބަރޭ. ދެން ކިހިނެއް ދިމާކުރާނީ އަޅުގަނޑުމެން މި ދައްކާ ވާހަކަ.މަހިނބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިގު
ޓޮމް ވިދާޅުވާން ބޭނުންފުޅުވާ ހުރިހާ ވާހަކަފުޅެއް ވިދާޅުވުމަށް މަޖިލީހުގެ ރައީސް ވަނީ ޓޮމްއަށް ފުރުޞަތު ދެއްވާފައެވެ. ނަމަވެސް ވަގުތު ހަމަވެ ޓޮމްގެ މައިކު ވަނީ ކަނޑާލާފައެވެ. މިއަދު މަޖިލިސް ތެރޭގައި ގިނަ ޢަދަދަކަށް ނިޒާމީ މައްސަލަ ނަންގަވާ މެންބަރުން ވަނީ މަޖިލިސް ތެރެ ހޫނުކޮށްލާފައެވެ. އެގޮތުން މާވަށު ދާއިރާގެ މެންބަރު ވާހަކަ ކުރިއަށް ގެންދެވި އިރު، 11 ފަހަރަށް ނިޒާމީ މައްސަލަ މެންބަރުން ނަންގަވާފައިވާ އިރު، ސަޢީދަށް ލިބިވަޑައިގެންނެވި ވަގުތުކޮޅުގައި އޭނާއަށް ދެއްކެވުނީ ސަރުކާރު އައިފަހުން ރާއްޖޭގެ އިޤްތިޞާދު ހަލާކުވި ވާހަކައެވެ. 11 ފަހަރަށް ސައީދު އެހެން ވިދާޅުވެފައިވާ އިރު، ސަރުކާރު މެންބަރުން ވަނީ ސައީދު ދައްކަވާ ވާހަކައާއި ބަހުޘް ކުރައްވާ މައުޟޫ ދިމާނުވާކަމަށް ވެސް ވިދާޅުވެފައެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން 1:30 ގެ ފަހުން އެދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓަށް އަހާ ހިސާބަށް ގޮސްފައިވާ ކަންކަން ވޯޓަށް އަހަން ޖެހެއެވެ. ނަމަވެސް މިނިމަމް ވޭޖްގެ ބަހުޘް އެގަޑީގައި ކުރިއަށް ގެންގޮސްފައިވާތީ ގިނަ މެންބަރުންތަކެއް ވަނީ ނުރުހުން ފާޅުކޮށްފައެވެ.