ރާއްޖޭގައި މިހާރިވެސް 115 ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީގައި އާދިއްތަ ދުވަހުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރިއަށްގެންދާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ކަންކަމުގެ މައުލޫމާތުތައް ހާމަކުރަމުން އަންނައިރު، ސަރުކާރުތަކުން ފަޅުރަށްތައް ދިނުމަށް ހަދައިފައިވާ ނުވަތަ ހަދަން އުޅެފައިވާ އެގްރީމަންޓްތަކުގެ މައްސަލަތައް ފެންމަތިވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، މިފަދަ ތަންތަން ހިންގާ ފަަރާތްތަކުގެ މައުލޫމާތު ރައްޔިތުންގެ އިތުރުން ސަފާރީ ހިންގާ ފަރާތްތަކަށް ވެސް އިނގެންޖެހޭ ކަމަށާއި، އެއްވެސް ބަޔަކަށް ނޭނގުމެއްގެ ތެރޭގައި ގާނޫނާއި ހިލާފަށް ބަޔަކު ކުރިޔަށް ހިންގާ ކަންތައްތަކުގެ ތެރެއަށް ވަނުމަށް ސަރުކާރުން ބޭނުން ނުވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިހާރުވެސް 115 ރަށެއް, ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ހޮޓަލް ތަރައްގީ ކުރުމަށް ނުވަތަ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ކަހަލަަ މަސައްކަތަށް 21 ތަނެއް ތަރައްގީކުރުމުން އަންނަ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މި މައުލުމާތުތަކަކީ މަގާމާއި ހަވާލުވެވަޑައިގަތީއްސުރެ ވެބްސައިޓުން ލިބެން ހުރި މައުލޫމާތުތަކެއް ކަމަށާއި މިއީ އައު މައުލޫމާތުތަކެއް ނޫންކަމަށެވެ. މި ހުރިހާ ތަންތަނުގައިވެސް ލީސް އެގްރީމަންޓް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މީގެތެރޭގައި ސަރުކާރުން އަވަސް ނިންމުން ނިންމަން ޖެހޭ ވަރަށް "ސެންސިޓިވް" މައްސަލަތަކެއް އެބަހުރިކަމަށެވެ.
މިނިސްޓަރ އަލީ ވަހީދު ވަނީ އެ ރިސޯޓުތަކުގެ ތެރެއިން 70 ރިސޯޓެއްގެ ނަން ފާހަގަކޮށް އެއީ ސަރުކާރުން ބޭނުންވާ ސްޕީޑްގައި މަސައްކަތް ނުކުރެވޭ ތަންތަނުގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި ތިމާވެށީގެ ސަބަބުން މިހާރުވެސް 2 ރަށެއް ނަގަން ނިންމާފައިވާކަން ފާހަގަކޮށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި 70 ރިސޯޓުތަކުގެ ތެރެއިން މިނިސްޓްރީން ބަލަން ޖެހޭ ކަންކަމަށް ބެލުމަށްފަހު އެ ރިސޯޓެއް ތަރައްގީކުރަން ދީފައިވާ ފަރާތްތަކަށް ބަދަލު ދިނުމަށް ފަހު ނަގާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި އެކަމާއި ގުޅޭގޮތުން ދައުލަތުގެ ބަންޑާރަ ނައިބާއިއެކު އަންނަނީ މަޝްވަރާކުރަމުންނެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަމައެކަނި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކި އިގްތިސާދުގެ މައި ތަނބަށްވެ، ހުރިހާ ތަނެއްގައި ރިސޯޓު ގާއިމުކުރުން ނޫންކަމަށާއި ރައްޔިތުންގެ އެދުމާއި ރައްޔިތުން ބޭނުންވާކަންތައް ނުފުއްދައި އަމިއްލަ މަސްލަހަތެއް މި ސަރުކާރުން އިސްނުކުރާނެކަމަށެވެ.