ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 02:11
އީޔޫގެ ފައިނަލް އެކްޝަން ޓާސްކް ފޯސްގެ ޕްލެނަރީ ބައްދަލުވުމުގެ ތެރެއިން
އީޔޫގެ ފައިނަލް އެކްޝަން ޓާސްކް ފޯސްގެ ޕްލެނަރީ ބައްދަލުވުމުގެ ތެރެއިން
އޭއެފްޕީ
އީޔޫ ބްލްކް ލިސްޓް
އީޔޫގެ މަނީ ލޯންޑްރިންގ ބްލެކް ލިސްޓުން ސްރީލަންކާގެ ނަން އުނިކޮށްފި
އީޔޫ ބްލެކް ލިސްޓުން އުނިކުރިކަން ސްރީލަންކާ ސަރުކާރަށް އެންގީ މިދިޔަ ހުކުރު ދުވަހު
އީޔޫ މަނީ ލޯންޑަރިންގ ބްލެކް ލިސްޓުގަައި ލަންކާ ހިމެނުނީ 2011 ވަނަ އަހަރު

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފައިސާ ލޯންޑަރ ކުރުމުގެ ބިރު އޮތް ޤައުމުތަކުގެ ލިސްޓުން ސްރީލަންކާގެ ނަން ނަގައިފިއެވެ.

މިކަން ހާމަކުރައްވާ ވެރިރަށް ކޮލޮމްބޯގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވީ ޕެރިހުގައި ހުންނަ އީޔޫގެ ފައިނަލް އެކްޝަން ޓާސްކް ފޯސް ( އެފްއޭޓީއެފް) އިން އެކަން ސްރީލަންކާ ސަރުކާރަށް އެންގީ މިދިޔަ ހުކުރު ދުވަހުކަމަށެވެ. އެ ލިސްޓުން ސްރީލަންކާގެ ނަން އުނިކުރީ މާލީ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސްރީލަންކާ ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އީޔޫއިން އަންގާފައިވާކަމަށް ސަމަރަވީރާ ވިދާޅުވެފައިވެއެވެ.

ވިލާތު އިއްތިހާދުން 1989 ގައި އެކުލަވާލާފައިވާ ފައިނަލް އެކްޝަން ޓާސްކް ފޯސް އަކީ ދުނިޔޭގެ މާލީ މުޢަމަލާތަތްތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަޤްޞަދުގައި ޤާއިމުކޮށްފައިވާ ބައިނަލް އަޤުވާމީ އިދާރާއެކެވެ. މަނީ ލޯންޑަރިންގ ގެ ޢަމަލުތައް ހުއްޓުވުމަށް އެއިދާރާއިން ދެ ގިންތިއެއްގެ ބްލެކް ލިސްޓް ގެންގުޅެއެވެ. އެއީ މަނީ ލޯންޑްރިންގ އަށް މަގުފަހިވާފަދަ ޢަމަލުތައް ގިނަ ޤައުމުތަކުގެ ލިސްޓެއް "ބްލެކް ލިސްޓް" އަދި މަނީ ލޯންޑަރިންގ ގެ ނުރައްކާ ބޮޑު ޤައުމުތައް ހިމެނޭ "ގްރޭއި ލިސްޓް" އެވެ.

ސްރީލަންކާއިން އެޤައުމުގެ މާލީ ސެކިއުރިޓީ ހިމާޔަތް ކުރުމަށް އެދެވޭ މިންވަރަށް މަސައްކަތް ނުކުރާކަމަށް ބުނެ ފުރަތަމަ ލިސްޓުކުރީ 2011 ވަނަ އަހަރުއެވެ. ބްލެކް ގިންތިން 2012 ވަނަ އަހަރު ގްރޭއި ގިންތިއަށް ބަދަލުކުރީ މަނޯ ލޯންޑަރިންގގެ ނުރައްކާ ބޮޑުކަމަށް އީޔޫއިން ކަނޑައެޅުމަށް ފަހުގައެވެ.

އީޔޫގެ މަނީ ލޯންޑަރިންގ ބްލެކް ލިސްޓުގައި އޭރު ސްރީލަންކާގެ ނަން ހިމެނުނު ނަމަވެސް އޭރުގެ ސަރުކާރުން ތަކުން ލިސްޓުން ނަން ނެގުމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި އެކަމާއި އެހާ ކަންބޮޑެއްވެސް ނުވެއެވެ.

ނަމަވެސް މި ލިސްޓުގައި ހިމެނުމުން ވިލާތު އިއްތިހާދުގައި ހިމެނޭ ޤައުމުތަކާއެކު މާލީ އަދި އިޤްތިޞާދީ މުޢާމަލާތް ކުރުމަށް ހުރަސް އެޅުމުންދާތީ 2016 ވަނަ އަހަރު ސްރީލަންކާގެ މަރުކަޒީ ބޭންކާއި ސަރުކާރާއި މާލީ އިދާރާތައް ގުޅިގެން މާލީ އިދާރާގެ ކަންކަން ހަރުދަނާކުރުމުގެ ބޭނުމުގައި ގިނަ ފިޔަވަޅުތައް އަޅާ ތަންފީޒުކުރަން ފެށިއެވެ.

ނަތީޖާއެެއްގެ ގޮތުން އީޔޫގެ ފައިނަލް އެކްޝަން ޓާސްކް ފޯސް އިން 2016 ވަނަ އަހަރު ސްރީލަންއިން މާލީ މުޢަމަލާތްތަކުގެ ސަލާމަތައް މަސައްކަތްކުރަން ބާރު އަޅާ ޤައުމެއްގެ ގޮތުގައި ކަނަޑައެޅިއެވެ. އަދި 2017 ވަނަ އަހަރު ގްރޭއި ލިސްޓުން ސްރީލަންކާގެ ނަން ނަގާ ބްލެކް ލިސްޓަށް ގިންތި ކުރިއެވެ.

ސްރީލަންކާއިން މިދިޔަ އަހަރު ވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވާ ހަރުދަނާ ފްރޭމް ވޯރކެއް އެކުލަވާލާފައެވެ. މިއީ ޤައުމުގައި ހިނގާ މާލީ މުޢާމަލާތްތަކަކީ ރައްކާތެރި މުޢާމަލާތްތަކެއްތޯ ކަށަވަރުކުރުމަށް މާލީ އިދާރާތައް ޝާމިލުވެގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ފްރޭމް ވޯރކްއެކެވެ.

ސްރީލަންކާގެ މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވީ އީޔޫގެ ފައިނަލް އެކްޝަން ޓާސްކް ފޯސްގެ ބްލެކް ލިސްޓުން ސްރީލަންކާ އުނި ކުރުމަކީ މި ފްރޭމް ވޯރކް ތަންފީޒު ކޮށް، ޢަމަލީ ގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.

- ކޮމެންޓް