މިއަހަރުގެ ޖުލައި މަހުގެ 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޗޮޕް އާޓުން މެނޭޖްކުރާ މި އިވެންޓްގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ރާއްޖެ ޓީގެ އިތުރުން އައިސް ޓީވީ އަދި އަވަސް އެމްވީ އެވެ.
ބޮޑީ ބިލްޑިން ފެޑްރޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން މީޑިއާ ޕާޓްނަރުންނާއި އެކު ސޮއިކުރުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޗޮޕް އާޓްގެ ފަރާތުން މިހުސޯ އަބްދުއް ސައްތާރު ބުނީ މި މުބާރަތް މިފަހަރު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކުރިން އަހަރު ތަކާ ޚިލާފަށް ހަމައެކަނި ބޮޑީ ބިލްޑިން އަށް ފޯކަސް ކުރުމުގެ ބަދަލުގައި ފިރިހެނުންގެ ލައިފް ސްޓައިލަށް ވެސް ފޯކަސް ކޮށްގެން ކަމަށެވެ.
މިހުސޯ ބުނީ މިސްޓަރ މޯލްޑިވްސް 2017 ފޭސްބުކް ޕޭޖުން ފޯމްތައް ޑައުންލޯޑް ކުރެވޭނެ ކަމަށާއި ހުރިހާ ޖިމްތަކާއި މުއައްސަސާތަކަށް ހާޑް ކޮޕީސް ވެސް ފޮނުވާނެ ކަމަށެވެ. އަދި މި އިވެންޓާއި ބެހޭ ޕޯސްޓަރުތައް ވެސް މިއަދުން ފެށިގެން ޑިސްޓްރިބިއުޓް ކުރަމުން ގެންދާނެ ކަމަށް ވެސް އެފަރާތުން މައުލޫމާތުދެ އެވެ.
މިދިޔަ އަހަރު ހުރިހާ ކެޓަގަރީ އަކުން ޖުމްލަ 18 އެތްލީޓުން ބައިވެރިވި ނަމަވެސް މިއަހަރު މިއަދަދު އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޗޮޕް އާޓުން ބުންޏެވެ.
ބީބީއެފްއެމް އިން ބުނީ މިއަހަރު ތެރޭ ބޮޑީ ބިލްޑިންގް ފެޑްރޭޝަންގެ އިތުރު މުބާރާތްތަކެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި އިންޓަނޭޝަނަލް ދެ މުބާރާތެއް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ 22 އިން 28 އަށް ކޮރެއާގައި ބާއްވާ 51 ވަނަ އޭޝިއަން ބޮޑީ ބިލްޑިންގް ފިޒިކް ޗެމްޕިއަންޝިޕާއި އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.
ބީބީއެފްއެމް އިން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގެ ތެރޭގައި އެތްލީޓުން ތަމްރީން ކުރުމާއި އެތްލީތުންގެ ނިއުޓިރިޝަން ޕްލޭންސް އަދި ކޯޗުންގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތުދެ އެވެ.
ބީބީއެފްއެމް އިން ބުނީ އެ ފަރާތުން އެންމެ ބޮޑަށް ބޭނުންވަނީ ރިސޯޓްތަކުންނާއި ޖިމްތަކާއި ޕްރައިވެޓް އޮފީސް ތަކާއި ސަރުކާރު އޮފީސް ތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުން ކަމަށެވެ.
މިސްޓަރ މޯލްޑިވްސް އަށް ހޮވޭ ފަރާތަކަށް ވަރަށް ރަނގަޅު ފައިސާގެ އިނާމެއް ލިބިގެންދާއިރު ކުރިއަށް އޮތް ބައިނަލްއަގްވާމީ މުބާރާތް ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީބީއެފްއެމް އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ރާއްޖެ ޓީވީއާއި އެކު ކައުންޑައުން ޝޯތަކެއް ކުރިއަށް ގެންދާނެ ކަމަށާއި ފުރަތަމަ ބައިވެރިވާ 10 މީހުންގެ ލައިފް ސްޓައިލް ޖުލައި މަހުގެ 14 އާ ހަމައަށް ކުރިއަށްދާނެ ގޮތް ރާއްޖެ ޓީވީން ބެލުންތެރިންނަށް ގެނެސް ދޭނެ ކަމަށް ބީބީއެފްއެމް އިން މައުލޫމާތު ދެއެވެ.