ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
މިގޮތަށް ކޮމެޓީއިން ނިންމާފައިވަނީ ބުރާސްފަތި ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައެވެ.
މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޮމެޓީގެ މެމްބަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް ވިދާޅުވީ އެ މައްސަލަ ފަސްކުރުމަށް ހުށަހެޅުއްވީ އުސޫލީ މައްސަލަތަކެއް ހުރުމުން ކަމަށެވެ. ބުދަ ދުވަހު ބިޝާމް މަގާމުން ވަކި ކުރުމަށް ހުށަހެޅި ނަމަވެސް އެވަގުތު ކޮމެޓީގައި ތިއްބެވި މެމްބަރުންގެ އަދަދު މަދުވެފައި، އެފަދަ ބޮޑު ނިންމުމެއް ނިންމާއިރު ކޮމެޓީގައި އެވަގުތު ނެތް މެމްބަރުންގެ މަޝްވަރާ މުހިއްމު ކަމަށް ދެކިލައްވާތީ ކަމަށެވެ. ޖީހާން ވިދާޅުވީ ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް އަމަލު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ބިޝާމް މަގާމުން ވަކި ކުރުމަށް ބުދަ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.
ބިޝާމް ޖުލައި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކޮށް، މެމްބަރުން ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައިވެއެވެ. ބިޝާމް ހާޒިރުކުރި ކުރުމުގައި ކުރީ ސަރުކާރުން ނޫފުޒަކުން އެއްވެސް ކަމެއް ނިންމާފައިވާނެތޯ މެެމްބަރުން ސުވާލު ކުރެއްވި އެވެެ. ނަމަވެސް ބިޝާމް ވިދާޅުވީ ރައީސް އޮފީހުގެ ތެރެއިން ނުފޫޒު ފޯރުވައިގެން ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ވަކި ގޮތަކަށް އެއްވެސް ކަމެއް ކުރައްވާފައިނުވާ ކަމަށެވެ. އަދި ނިންމުންތައް ނިންމާފައިވާނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުގައިކަމަށް ބިޝާމް ވިދާޅުވި އެވެ.
ބިޝާމް މަޤާމުން ވަކިކުރުމަށް މީގެކުރިންވެސް ގިނަ މެމްބަރުންތަކެއް ގޮވާލާފައިވެއެވެ. އަދި ބިިޝާމަކީ ޕީޖީގެ މަޤާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް އެ މެމްބަރުން ވިދާޅުވެފައިވެއެވެ.