ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް އައްޔަންކުރަން ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އާއި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވެވިކަން ރައީސް ހާމަކުރައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
މަހާޒު އާއި ދިޔާނާގެ ނަންފުޅު ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ރައީސްއަށް ލަފާއަރުއްވާފައިވަނީ ސެޕްޓެމްބަރު މަހުއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ މީހުން އަތުން ފައިސާ ނެންގެވި ކަމުގެ ތުހުމަތު ކުރެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާއި ގުޅިގެން، އެ މަގާމު ހުސްވެފައިވުމާއި ގުޅިގެން އެމަގާމަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ. ނަމަވެސް ޖޭއެސްސީން ރައީސަށް ލަފާއެރުއްވީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށެވެ.
މަހާޒްގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ސޯލިހްގެ ފަރާތްޕުޅުންނެވެ. އަދި ޖޭއެސްސީންވެސް ވަނީ މަހާޒްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށް ނިންމަވާފަ އެވެ.
މަހާޒް މިހާތަނަށްވެސް ހުންނެވި ޑްރަގް ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ. މީގެކުރިން ޖޭއެސްސީން މަހާޒްގެ މައްސަލައެއްވެސް ބަލާފައިވެއެވެ.
ދިޔާނާއަކީ މީގެކުރިން ދައުލަތުގެ ގިނަ މަޤާމުތަކެއް ފުރުއްވި ބޭކަނބަލެކެވެ. އޭގެތެރޭގައި ބަންޑާރަ ނައިބްކަމުގެ އިތުރުން، ފުރަތަމަ ސާރކްގެ އަންހެން ސެކެރެޓަރީ ޖެނެރަލްގެ މަޤާމުވެސް އަދާކުރެއްވީ ދިޔާނާ އެވެ. ދިޔާނާއަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖަބިރުގެ އަނބިކަނބަލުންނެވެ.
އެންމެފަހުން އައްޔަންކުރެވުނު ޑރ. އަޒްމިރަލްދާ ޒާހިރާއި، އައިޝާ ޝުޖޫން މުހައްމަދާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިވަގުތު ތިއްބެވީ 6 ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ޤާނޫނަށް އެންމެފހަުން ގެނެވުނު އިސްލާހްގައިވާގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރަކު ތިއްބަންޖެހެ އެވެ.