ސުޕްރީމް ކޯޓުގެ ހުކުމްތަކާއި ގުޅިގެން ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބެލޭނެ މައްސަލަތަކެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން ނުވަތަ އެހެން ކޯޓަކުން ވިޔަސް ނިންމާފައިވާ ގަޟާއީ ނިންމުމެއް މުރާޖަޢާ ކުރުމާއި އޭގެ ސައްހަކަން ބެލުމާއި އެކަމާއި އެއީ ގާނޫނު އަސާސީއާ ގާނޫނުތަކާ އެއް ގޮތަށް ނިންމުމެއްތޯ ބެލުމަކީ، ޖޭއެސްސީއަށް ނުވަތަ ދައުލަތުގެ އެހެން ބާރަކަށް ވެސް ކުރެވޭނަ ކަމެއް ނޫން ކަމަށާއި، އެއީ ގައިރުގާނޫނީ އަމަލެއް ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން ފަނޑިޔާރުން ނިންމާ ނިންމުންތަކާއި ގުޅިގެން ސުލޫކީ މައްސަލަ ބެލުމަކީ، ބައިނަލްއަގްވާމީ މިންގަނޑުން ބެލިކަމުގައިވީ ނަމަވެސް، ކުރެވޭނެ ކަމެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާއި ގުޅޭ ގޮތުން (އުއްތަމަ ފަނޑިޔާރު ވެސް ހިމެނޭ ގޮތަށް)، މި މަހުގެ 13 ވަނަ ދުވަހު ޖޭއެސްސީން ބަލަން ފެށި ސުލޫކީ މައްސަލަތަކަށް ރައްދު ދެއްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކުގެ ތެރޭގައި ހިމަނާފައިވާ 15 ކަމުގެ ތެރޭގައި، ޖޭއެސްސީއަށް ބެލުމުގެ ބާރު ލިބިގެންވާ އެއްވެސް ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ޖޭއެސްސީން މިހާރު އެ ހިންގާ އަމަލުތަކަކީ، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ކަނޑުވާލުމުގެ ގޮތުން ހިންގާ އަމަލުތަކެއް ކަމަށާއި، މިއީ ފަނޑިޔާރުންނަށް ބިރު ދައްކައިގެން ވަކި ބައެއްގެ ބާރާއި ނުފޫޒާއި ކޮންޓްރޯލުގެ ދަށަށް ދިވެހިރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުން ގެންދިއުމުގެ ގޮތުން ކުރާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި އަމަލުތަކަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ މުޅިން ހިލާފު އަމަލުތަކެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާން ނިންމަވާލައްވަމުން ވަނީ، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުކޮށް ނަގަހައްޓަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށާއި، ދައުލަތުގެ ކަމާބެހޭ އެހެން ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.