ކޮރަޕްޝަންގެ ތުހުމަތުތަކަކާއި ގުޅިގެން، މޯލްޑިވް ގޭހުގެ މެނޭޖިިންގ ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑްކޮށްފިއެވެ.
ޝަޒައިލް ސަސްޕެންޑްކޮށްފައިވަނީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލަރަންސް ޓު ދަ ކޮރަޕްޝަން" ޕޯޓަލްއަށް ލިބިފައިވާ ޝަކުވާތަކަކާއި ގުޅިގެންނެވެ. ޝަޒާއިލްއާ ބެހޭގޮތުން ހުށައެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާތަކާއި މިނޫންވެސް ޝަކުވާތައް ހުށައެޅިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައިވެއެވެ.
ޝަޒައިލް ސަސްޕެންޑްކޮށްފައިވަނީ ޕޯޓަލްއަށް ހުށައެޅިފައިވާ މައްސަލަތައް ބަލާ ނިމެންދެނެވެ. އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތު ދެމުން ހޫދު ވިދާޅުވީ، ޝަޒައިލްއާ ގުޅޭ ގޮތުން ހުށައެޅިފައިވާ ޝަކުވާތަކުގައި ހިމެނެނީ ސައްހަ މައުލޫމާތުތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
ޝަޒައިލް ސަސްޕެންޑް ކޮށްފައިވަނީ، މޯލްޑިވް ގޭހުން ނުއަގުގައި ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމުގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލަ ބެލުމަށް ފަހު،މޯލްޑިވް ގޭހުން "ޑައިރެކްޓް ޕަރޗޭސް" ގެ ދަށުން ގޭސް ގަތުމަށްއެންގުމަށް ވެސް އެ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.
ކަނޑައަޅާފައިވާ ޕްރޮކިއުމެންޓް އުސޫލްތަކާ ހިލާފަށް މޯލްޑިވް ގޭހުން ގޭސް ގަތް މައްސަލައެއްއޭސީސީއިން ވެސް ދަނީ ބަލަމުންނެވެ. ނަމަވެސް ޝަޒައިލް ވަނީ އެމްޑީގެ މަގާމުގައި ހުންނަވައިގެން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ނުއަގުގައި ގޭސް ގަތް މައްސަލަ ބަލަން ފެށުމުން، އެސްއޯއީ ކޮމިޓީއަށް ޝަޒައިލް ފޮނުއްވެވި ސިޓީއެއްގައި ވަނީ އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި މޯލްޑިވް ގޭހުގެ އެމްޑީގެ މަގާމަށް ވަޑައިގެންނެވި ޝަޒައިލް އަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމު ފުރުއްވާފައެވެ.