އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިޞްލާޙުކުރަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ގެންނެވި ބަދަލުގައި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާ ލިބެނީ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ މަގުންކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިޞްލާޙުކުރަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ އަންގާރަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. 2016 ވަނަ އަހަރު މި އެހީ ދެވޭ އުސޫލަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ވަރަށް ގިނަ ފަރާތްތައް މި އެހީން ވަނީ މަޙްރޫމްވެފައެވެ. އެހެންކަމުން މި ގެނެވޭ އިސްލާޙްތަކާއެކު މިހާރު އެހީ ޙައްޤުވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެއެވެ.
ސަރުކާރުން ގެނައި އެ ބަދަލާއި ގުޅިގެން އާންމުގެ މެދުގައި ނުރަނގަޅު މައުލޫމާތުތަކެއް ފެތުރުމާއި ގުޅިގެން ބުދ ަދުވަހު އެންސްޕާއިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން އެ ބަޔާނުގައި ވަނީ އިނާޔަތް ލިބޭނެގޮތުގެ ތަފްސީލްތައް ހިމަނާފަ އެވެ.
މާލީ އެހީގެ ޕްރޮގުރާމަށް ގެނެވުނު 4 ބަދަލުގެ ތަފްސީލް:
----------------------------------------------------------------------------
ފުރަތަމަ ބަދަލު: ގިނަވެގެން ލިބޭ އަދަދު 10،000 ރުފިޔާއަށް ބަދަލުކުރުން
ކުރީގެ ގަވައިދު:ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ މަގުން ގިނަވެގެން އާއިލާއަކަށް ލިބެނި 3000 ރުފިޔާއެވެ.
ގެނެވުނު އިސްލާހް:ކޮންމެކުއްޖަކަށް 1000 ރުފިޔާގެ މަގުން ގިނަވެގެން އާއިލާއަކަށް 10،000 ރުފިޔާ ލިބޭނެއެވެ. މި އިސްލާހުގެ ސަބަބުން، ކުރީގެ އުސޫލުގެ ދަށުން 3 ކުދިންނަށް ވުރެ ގިނައިން ތިބިނަމަވެސް 3000 ރުފިޔާ ލިބޭ އުސޫލު ބަދަލުކުރެވި ، 10 ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ލިބެމުންދާނެއެވެ.
ދެވަނަ ބަދަލު: ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް އިނާޔަތް ލިބޭގޮތް ހަމަޖެއްސުން
ކުރީގެ ގަވައިދު:ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ މާލީ އެހީ ނުލިބޭނެއެވެ.
ގެނެވުނު އިސްލާހް:މާލީ އެހީގެ ޕްރޮގުރާމްގެ ދަށުން ދެވަނަ އިސްލާހުގައި ވާގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިން ބަލަހައްޓާ ކުދިންނަށް ދެވޭ މާލީ އެހީ ލިބޭނެއެވެ. އެކަނި ދަރިން ބަލަހައްޓާ މައިންފައިންގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރިން ގަވާއިދުގައި ގޮތުން، އެކަނިވެރި މައިން ނުވަތަ ބަފައިން ކަމުގައި ވިޔަސް ކުޑަކުދިންނަށް ލިބެނީ އެންމެ އެހީއެކެވެ. ނަމަވެސް ގެނެވުނު އިސްލާހުގެ ސަބަބުން، ދެ އެހީވެސް ލިބިގެންދާނެއެވެ.
ތިން ވަނަ ބަދަލު: ފަގީރުންގެ ހާލަތު ބެލުން ޖެންޑާރ މިނިސްޓްރީއަށް
ކުރީގެ ގަވައިދު:ފަގީރު ހާލާަތު ކަނޑައެޅުމަށް ބޭނުންކުރެވިގެންދިޔައީ 10/2009 ގެ HIES
ގެނެވުނު އިސްލާހް:ތިން ވަނައަށް ގެނެވުނު ބަދަލަކީ، މި ޕްރޮގުރާމްގެ ދަށުން އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި ބޭނުންކުރާ އިންކަމް ތްރެޝްހޯލްޑް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝިއަލް ސާރިވިސަސް އަށް ކަނޑައެޅުމެވެ. މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ހާލަތަށް ރިއާޔަތްކޮށް އެކަށީގެންވާ ގޮތެއްގެ މަތިން އެކަނި ދަރިން ބަލަހައްޓާ މައިންބަފައިން އިސްތިސްނުވާނެ ގޮތެއްގެ މަތިން އިންކަމް ތްރެޝްހޯލްޑް ކަނޑައެޅިގެންދިޔުމެވެ.
ހަތަރު ވަނަ ބަދަލު: އައިލާއަށް ލިބޭ އާމްދަނީ މިންކުރާގޮތް ބަދަލުކުރުން
ކުރީގެ ގަވައިދު:ފަގީރު ހާލަތު ދެނެގަތުމުގައި ބޭނުންކުރާ މިނިމަމް ޔުނިޓަކީ ގޭބީސީ (އެއްކޮށް ކައްކައި، ކައިބޮއި، ނިދާހަދާ މީހުން) އެވެ.
ގެނެވުނު އިސްލާހް:ހަތަރު ވަނައަށް ގެނެވުނު ބަދަލުގައި ފަގީރު ހާލަތު ދެނެހަތުމުގައި ބޭނުންކުރާނީ އެކަނި ދަރުބް ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ އާއިލާއެވެ. އިސްލާހުގެ ސަބަބުން ގޭބީސީގައި ދިރިއުޅޭ އެހެން ފަރާތްތަކުގެ އާމްދަނީގެ ސަބަބުން ފަގީރުހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންބަފައިން މާލީ އެހީގެ ސަބަބުން މިހާރު އިސްތިސްނާއެއް ނުވާނެއެވެ.