Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2019 | އަންގާރަ 07:58
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރުގެ ހިދުމަތް ތައާރަފް ކުރުމުގެ ތެރެއިން
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރުގެ ހިދުމަތް ތައާރަފް ކުރުމުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ފަލަ ސުރުހީ
ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ތަޢާރަފު ކުރި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެކަން ޔަޤީން : ހެލްތު މިނިސްޓްރީ
30 އެނދު އިތުރު ކުރުމަށް ހަމަޖެހިފައިވޭ
ބޭރު ޑޮކްޓަރުން ގެންނަނީ ދިވެހި ޑޮކްޓަރުން ނުލިބޭތީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަލަށްދޭން ފެށި ހިދުމަތްތައް ދެމެހެއްޓިނިވި ގޮތެއްގައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރުގެ ޚިދުމަތް ހޮނިހިރު ދުވަހު ރަސްމީކޮށް ވަނީ ފަށާފައެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، ކުޅުއްދުއްފުށީ ގައި އަލަށް ތައާރަފް ކުރެވުނު ހިދުމަތްތަކަކީ މުހިއްމު ހިދުމަތްތަކަކަށްވާއިރު، ސަރުކާރުގެ ސްޓްރްޓެޖިކް ޕްލޭނާ އެއްގޮތަށް ކަންތައްތައް ހާސިލުކުރެވޭނީ ދެމެހެއްޓިނިވި ގޮތެއްގައި އެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ. އަދި އެ ޔަގީންކަން އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ދެއްވާފައެވެ.

ސަރުކާރުން ޓާރޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައިވާ 5 ހޮސްޕިޓަލް ގެ މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލުގައި މި އަހަރު ނިމުމުގެ ކުރިން އެމްއާރްއައިގެ ހިދުމަތް ލިބިގެންދާނެ ކަމަށް ތަސްލީމާ ވިދާޅުވިއެވެ. އަދި އެނދު އިތުރު ކުރުމަށް ޖެހޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިހާރު ޖާގައިގެ ދަތިކަން އެބަހުރި ކަމަށާއި ބޮޑު އާބާދީއަކަށް ހިދުމަތްދޭވަރަށް ވުރެ އެނދުގެ އަދަދު މަދު ކަމަށެވެ. އެހެން ނަމަވެސް ކުރިޔަތް އޮތްތަނުގައި 30 އެނދު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔަސާތުގެ ތެރޭގައި ހިމެނޭ މެންޓަލް ހެލްތް ނުވަތަ ނަފްސާނީ ބަލިތަކުގެ މީހުންނަށް ހާއްސަކޮށްގެން އެ ހޮސްޕިޓަލުގައި މިވަގުތު ނަފްސާނީ ބައްޔަށް ޚާއްޞަ ފަރުވާދޭ ޑޮކްޓަރަކު ހުރެއެވެ. ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ، ކުރިއަށް އޮތް ތިން މަސް ތެރޭގައި ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން ދެމުންދާ ހިދުމަތްތައް އެއަށްވުރެ ފުޅާވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ މުހައްމަދު މީޒާން ވިދާޅުވީ، ދިވެހި ޑޮކްޓަރުން ހޯދުމުގެ މަސައްކަތްކުރާ ކަމަށާއި، ދިވެހި ޑޮކްޓަރުން ނުލިބިއްޖެ ހާލަތެއްގައި ނޫނީ ރާއްޖެއިން ބޭރުގެ ޑޮކްޓަރުން ވަޒީފާ އަށް ނުގެންނަ ކަމަށެވެ.

މާލެ ނުވަތަ އަތޮޅު ތެރޭގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އިނާޔަތް ދިނުމުގައި ވަކި ތަފާތެއް ނުކުރާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ޑޮކްޓަރުން ބޭނުންވާ ރޮނގުން ހާއްސަވުމުގެ ފުރުސަތުތައް މިނިސްޓްރީ މެދުވެރިކޮށް ދެމުންދާ ކަމަށާއި އެކަމަކު އެ ޑޮކްޓަރުންނަށް ވަކި ތަނެއްގައި މަސައްކަތް ކުރަން ޝަރުތު ނުކުރާ ކަމަށެވެ.

ހެލްތް މިނިސްޓްރީން ދަނީ ރާއްޖެއިން ބޭރުގަ ޑޮކްޓަރުކަން ކިޔަވާ ދިވެހިން ޤައުމަށް ހިދުމަތްކޮށް ދިނުމަށް ކުރެވޭނެ އިންތިޒާމް ހަމަޖައްސާ އެކަމަށް ހިތްވަރުދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް