ބޭންކުތަކުގެ ނުހިނގާ ހުރި އެކައުންޓްތަކުގެ މައްސަލަތައް ކޯޓުތަކުގައި ހައްލުނުވެ ހުރުމުގެ ސަބަބުން ބޯހިޔާވަހިކަން ހޯދާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ ގުލޫޓް އިންވެސްޓްމެންޓުން ހުޅުމާލޭގައި އެޅި އެޕާޓްމެންޓް ބިލްޑިން ހުޅުވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބޯހިޔާވަހި ކަމަކީ ވިޔަފާރިއެއްގެ ގޮތުގައި ފަހިވެގެންދާން ޖެހޭ ކަމެއް ކަމަށާއި، އެކަން ކުރުމުގައި މޯގޭޖެއް ނުވަތަ ލޯނެއް ލިބެން ޖެހޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ.
އެ ލޯނަކީ ދިގު މުއްދަތެއްގައި ދައްކާ ހަލާސް ކުރަން ޖެހޭ ލޯނަކަށްވާން ޖެހޭކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ ލޯނަކީ ފްލެޓް ރަހުނުކޮށްފައި ނަގާ ލޯނެއް ކަމަށެވެ.
ލޯނު ނަގާ ފަރާތުން އެ ލޯނު ނުދެއްކުނީމާ ބޭންކަށް އެ ފްލެޓް އަވަހަށް ވިއްކާލެވެން ޖެހޭކަން ފާހަގަކުރައްވަމުން ވިދާޅުވީ، ފްލެޓް ވިއްކާނުލެވުމުން ބޭންކުތަކުން ލޯނު ލިބޭ މިންވަރު ކުޑަވަނީ ދެ ސަބަބަކާއި ހުރެ ކަމަށެވެ. އެއީ ބޭންކުގެ ރިސްކު ބޮޑުވާތީއާ ނެގި ފައިސާ އަނބުރާ ބޭންކަށް ނުދައްކާތީ ކަމަށެވެ.
މި ވިޔަފާރީއަށް އެޅިފައި އޮތް ހުރަހަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު. ޝަރުއީ ނިޒާމު މި އޮތް ގޮތުން ބޭންކުތަކުގެ ނުހިނގާ ހުރި އެކައުންޓްތަކުގެ ވަރަށް ގިނަ އަދަދެއްގެ މައްސަލަތައް މިހުންނަނީ ކޯޓުގައި. އެހެންވީމާ ބޭންކުތަކަށް އެއިން ދަތިވޭ. އެހެންވީމާ މޯގޭޖް ދިނުމަށް އުދަގޫވޭމުހައްމަދު ނަޝީދު ~ ރައްޔިތުންގެ މަޖިލީހުގެ ރައީސް ~
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެ ވިޔަފާރި ހިންގުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑުތައް އެކަލަވައިލާ ކޯޓުތައްވެސް ރަނގަޅަށް ހިނގަން ޖޭޙެ ކަމަށެވެ.
އިގްތިސާދު ކުރިއަރައިގެން ދަނީ ސަަރުކާރުން ކުރާ ކަންކަމަކުން ނޫން ކަމަށާއި، އެކަން ކުރިއަރައިގެން ދަނީ އަމިއްލަ ފަރާތްތަކުން ކުރާ މުއާމަލާތްތަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިގްތިސާދެއް ކުރިއެރުވުމަށް ބޭނުންވަނީ ވިޔަފާރީގެ ގިނަ ހަރަކާތްތަކެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، ޓޫރިޒަމް އާއި މަސްވެރިކަމުގެ ސަބަބުން އިގްތިސާދު ހަލުވިވެގެންދާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކުދި ކުންފުނިތަކުގެ މަސައްކަތް ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި ފާހަގަވެފައިވާ ކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތް ސަރުކާރުގެ މަސައްކަތްތަކުގެ ތެރޭގައި ފާހަގަވާ މިންވަރު ކުޑަކަމަށެވެ.
ސަރުކާރުން ހިންގާ މަޝްރޫއު ތަކުގެ ތޭރޭއިން ޕީއެސްއަޕީ ޕްރޮގްރާމް ތަކަކީ އެންމެ ބޮޑު ހަރަދުކުރާ މަޝްރޫއުކަން ފާހަގަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، އެ މަސައްކަތުގައި މެދު އަދި ކުދި ފަންތީގެ ކުންފުނިތައް ބައިވެރިވާ މިންވަރުތައް ކުޑަ ކަމަށެވެ. އެކަން އެހެން އޮންނަ ގޮތް ބަޔާން ކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުގެ ޕްރޮޖެކްޓްތަކުގައި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ލޯނު ނަގައިގެން ކުރާމަސައްކަތަށް ވާތީ ކަމަށެެވެ.