''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓުގައި އިސްލާމިކް މިނިސްޓްރީގެ އިންޓަވިއުވެސް ހިމަނާފައިވާކަމަށް އެ ޖަމްއިއްޔާގެ ފައުންޑިން މެމްބަރު ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީއެންގެ ރިޕޯޓުގައި މާތްﷲ އަށާއި ރަސޫލާ (صلى الله عليه وسلم) އަށް ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ރިޕޯޓުގެ މައްސަލަ ބެލުމަށްފަހު ޔޫތް މިނިސްޓްރީން ވަނީ އެމްޑީއެންގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެ ޖަމްއިއްޔާ އަށް އަންގާފައެވެ.
ހޯމަ ދުވަހު އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެކަމާއި ގުޅިގެން ޝަހިންދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2015 ވަނަ އަހަރު ރިޕޯޓް ތައްޔާރުކުރުމުންދާކަން ވެސް އިސްލާމިކް މިނިސްޓްރީ އަށް އެނގޭ ކަމަށެވެ. އަދި މިނިސްޓްރީގެ އިންޓަވިއުވެސް ރިޕޯޓްގައި ހިމަނާފައިވާ ކަމަށް ޝަހިންދާ ވިދާޅުވި އެވެ.
ރިޕޯޓުގެ މައްސަލަަ އިސްލާމިކް މިނިސްޓްރީ އަށް އެނގޭ ކަމަށް ޖަލު އޮޑިޓް ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވާފައިވާ ޝަހިންދާ ވިދާޅުވެފައިވާއިރު، ރިޕޯޓާމެދު ކަންބޮޑުވުން ފާޅުކޮށް 2016 ވަނަ އަހަރު ދީނީ ޖަމިއްޔާއަކުން އެ މިނިސްޓްރީއަށް މައްސަލަ ހުށަހެޅިކަމަށް މިނިސްޓްރީ ވަނީ ދާދި ފަހުން ބުނެފައެވެ.
އެމްޑީއެން އުވާލާއި ސަރުކާރުގައި ތިއްބެވި އެ ޖަމްއިއްޔާގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޝަހިންދާ ހިމެނެ ގޮތަށް ރިޕޯޓް ތައްޔާރުކުރި އެންމެން ވަނީ މިހާރު ރާއްޖެ ދޫކޮށް ގޮސްފައެވެ. ރިޕޯޓްގެ މައްސަލަ ފެންމަތިވުމުގެ ކުރިން ޝަހިންދާ ރާއްޖެ ދޫކޮށް މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ޖަރުމަނުގައެވެ.