މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާ ދެކޮޅަށް އަޑު އުފުލުން އެއީ ސިޔާސީ މަގުސަދެއްގައި ހިންގޭ ކަމެއް ނޫން ކަމަށް ޝެއިހް އަބްދުﷲ ޝައުދާން ވިދާޅުވެއްޖެއެވެ.
އެމްޑީއެންގެ މައްސަލާގައި ޝީބިލްޑިންގައި ދީނީ އިލްމުވެރިން އެއްވެގެން ހޯމަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝެއިހް ވިދާޅުވީ، އެ މައްސަލާގައި ދެކޮޅަށް އަޑު އުފުލަން އެކި ފިކުރު ތަކުގެ އިލްމުވެރިން ހިމެނުން އެއީ ސިޔާސީ ކަމެއް ނޫން ކަމުގެ ހެއްކަކަށް ފުދޭނެ ކަމަށެވެ.
އޭގެ އިތުރަށް ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ދީނީ އިލްމުވެރިންގެ ޖަމިއްޔާއިން ވަކި ސަރުކާރެއް އަދި އެއްވެސް ސިޔާސީ ފަރާތްތަކާއި ބެހޭގޮތުން ވާހަކަ ނުދައްކާނެ ކަމަށް ވެސް ޝެއިހް ވަނީ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ޝެއިހް އިލްޔާސް ހުސައިން ވިދާޅުވީ، މާތް ނަބިއްޔާގެ ޒާތުފުޅަށް އެކަލޭގެފާނަށް ނިސްބަތްކޮށް ބަދުބަސް ބުނުމުން މުސްލިމުންގެ ލޭ ކެކޭނެ ކަމަށާއި މާތް ﷲ އަށާއި ރަސޫލާއަށް ހުރިހައި އެއްޗަކަށް ވުރެއް ބޮޑަށް ލޯބި ވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އިތުރަށް އިލްޔާސް ވިދާޅުވީ ކީރިތި ރަސޫލާގެ މައްޗަށް ލޯބިވުމަކީ އީމާންކަމުގެ އެއްބައި ކަމަށެވެ.
މި އުއްމަތުގެ މާތް ނަބިއްޔާ ދެކެ ލޯބިވުމަކީ ކޮންމެ މުސްލިމެއްގެ އަޤީދާއެއް. ހިތުން ތެދުކޮށް، ކަށަވަރުކޮށް، ޤަބޫލުކުރުމަކީ އެއީ ދީނުގެ އެއްބައި. ވަކިކޮށްފި ނަމަ އޭނާ މުސްލިމަކަށް ނުވާނެ. އެކަން ވަނީ 7 އުޑުމަތިން ބާވައިލެއްވި ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފަ.ޝެއިހް އިލްޔާސް ހުސައިން
އިތުރަށް އިލްޔާސް ވިދާޅުވީ، ސަރުކާރުން އެމްޑީއެންގެ މައްސަލަ ބަލައިދޭން ނިންމާފައި ވިޔަސް މުސްލިމުން އެވާހަކަތައް އަބަދުވެސް ދައްކަނީ އޮއްބާލަން މަސައްކަތް ކުރިޔަސް އޮއްބާ ނުލެވޭނެ ވަރުގެ މައްސަލަ އަކަށް ވާތީ ކަމަށާއި އެ ވާހަކަ ދައްކަން ޖެހޭ ސަބަބަކީ އީމާންކަމާއި ގުޅިފައިވާ ވާހަކަތަކަކަށް ވާތީ ކަމަށެވެ.
ދަރިންނާއި، މައިންބަފައިންނާއި، އަނބިންނާއި، ގެދޮރާއި، ވިޔަފާރި އަދި މުދަލަށް ލޯބިވުމަކީ މައްސަލައެއް ނޫން. ނަމަވެސް އެތަކެއްޗަކީ މާތްﷲ އާއި ކީރިތި ރަސޫލާ އަށް އަދި ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ލޯބިވެރިކަން ބޮޑު އެއްޗަކަށް ވެއްޖެނަމަ ﷲގެ ޙަޟްރަތުން ކޯފާއެއް އައިސް ހަލާކުވެގެންދާނެ ކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކޮށްފަވޭޝެއިހް އިލްޔާސް ހުސައިން
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝެއިހް ސަމީރު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް ކުށްވެރިކުރާ ކަމަށާއި އެއަމަލު ހިންގި މީހުންނަށް ގާނޫނީ ހަމަތަކުގެ ތެރެއިން އަދަބު ލިބެންޖެހޭ ކަމަށެވެ.
''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓުގައި ﷲ އަށާއި ރަސޫލާ އަށް ފުރުއްސާރަކޮށްފައިވާތީ އެ ޖަމިއްޔާގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަމަށް ޖަމިއްޔާތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ ޔޫތް މިނިސްޓްރީން، އެ ޖަމްއިއްޔާ އަށް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އަންގާފައެވެ.