Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 18:58
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
މަޖިލިސް
އެމްއައިޓީޑީސީ
އެމްއައިޓީޑީސީގެ ކުރީގެ ބޯޑު މެމްބަރުންގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފި
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމްއައިޓީޑީސީގެ މެންޑޭޓުން ބޭރު އެތައް ކަމެއް ކޮށްފައިވޭ

މޯލްޑިވްސް އިންޓަގްރޭޓޭޑް ޓުއަރިޒްމް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ކުރީގެ ބޯޑު މެމްބަރުންގެ މައްސަލަ ބަލައިދިނުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

މެމްބަރު ނިހާދު މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. މެމްބަރު ވަނީ އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއައިޓީޑީސީގެ މެންޑޭޓުން ބޭރު އެތައް ކަމެއް ކޮށްފައިވާއިރު، އެ ކަންތައްތަކާއި ގުޅިގެން އެމްއައިޓީޑީސީގެ އެމްޑީ މުހައްމަދު ރާއިދު ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ކޮމެޓީއަށް ހާޒިރުވެ އެ މައްސަލަ ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއިދު ވިދާޅުވީ ކާށިދޫގައި ޓުއަރިސްޓް ވިލެޖެއް ހެދުމުގެ މަޝްރޫއެއްގެ އިމާރާތުގެ ދަނގަޑު އޮނިގަނޑު ހެދުމަށްޓަކާ އެއް މިލިއަން ޑޮލަރު ހަރަދުވެފައިވާކަމަށެވެ. މި މަޝްރޫއު ހިންގުމަށްޓަކާ އެމްއައިޓީޑީސީ އިން ފިނޭންސް މިނިސްޓްރީއިން 8 އިންސައްތައިގެ އިންޓްރެސްޓަކާއިއެކު 1 މިލިއަން ޑޮލަރުގެ ލޯނެއް ނެގި ކަމަށާއި، އެ މިލިއަން ޑޮލަރުގެ ލޯނު ހުސްކޮށްލީ ހަމައެކަނި ދަގަނޑު އޮނިގަނޑު ހެދުމަށް ކަމަށެވެ.

މީގެއިތުރުން އެމްއައިޓީޑީސީއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ބޭނުމަށް ފައިސާ ބޭރުކޮށްފައިވާކަަމަށް ވެސް ރާއިދު ވިދާޅުވިއެެވެ. އެގޮތުން އައްޑޫ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ގެ ނަމުގައި އެ ކުންފުނިން 1 މިލިއަން ރުފިޔާ ބޭރުކޮށް، ބޮޑު މަހާސިންތާއެއް ބޭއްވި ކަމަށާއި ޕީޕީއެމްގެ ޖަގަހައެއް ހެދުމަށްޓަކާ ވެސް އެ ކުންފުނިން 1.9 މިލިއަން ރުފިޔާ ނެގި ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ޓުއަރިޒަމް މިނިސްޓްރީއިން ރިސޯޓުތަކުން ސީއެސްއާރުގެ ނަމުގައި ފައިސާ ނެގުމަށްފަހު އެ ފައިސާތައް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އެކައުންޓަށް ޖަމާކޮށްފައިވާކަމަށްވެސް ރާއިދު ވިދާޅުވިއެވެ. ރާއިދު ވިދާޅުވީ ރިސޯޓުތަކުގެ ފައިސާތައް އެމްއައިޓީޑީސީ ގެ އެކައުންޓަށް ޖަމާވެފައިވާކަން ކަށަވަރުވާކަމަށެވެ. އަދި ފައިސާ އެކައުންޓަށް ޖަމާވާއިރު ޓުއަރިޒްމް މިނިސްޓްރީގެ ސިޓީއެއްވެސް ލިބޭ ކަމަށާއި ފައިސާއިން ހަރަދު ކުރަންވީގޮތް އެ ސިޓީގައި ބަޔާން ކޮށްފައި އޮންނަ ކަމަށްވެސް ވިދާޅުވިއެވެ.

މި ކަންތައްތައް ކޮމެޓީއާއި ހިއްސާ ކުރުމާއި ގުޅިގެން ކޮމެޓީއިން ވަނީ އެ މައްސަލަ ބަލަން ނިންމާ، ސަބް ކޮމެޓީއެއް އެކުލަވާލާ، އެ މަސައްކަތް ހަވާލުކޮށްފައެވެ.

ހޯމަ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި ސަބްކޮމެޓީން އެމައްސަލަ ބަލާ، އެކުލަވާލި ރިޕޯޓުވަނީ ހިއްސާކޮށްފައެވެ. ރިޕޯޓާއި ގުޅިގެން ވާހަކަދައްކަވަމުން ސަބް ކޮމެޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދުދީދީ ވިދާޅުވީ ރިޕޯޓު އެކުލަވާލުމުގައި ބަލާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެ ކުންފުންޏާއި މެދު ދައުލަތުން ދެކެނީ ކޮންގޮތަކަށްތޯ އާއި ކޮރަޕްޝަންގެ މައްސަލަތައް ބެލިފައިވަނީ ކިހާވަރަކަށްތޯ ކަމަށެވެ. އެގޮތުން މިނިސްޓްރީ އޮފް ޓުއަރިޒްމް އަށާއި ފިނޭންސް މިނިސްޓްރީއާއި ޕީސީބީގެ އިތުރުން އެމްއައިޓީޑީސީއަށް ސިޓީ ފޮނުވި ކަމަށެވެ.

މިނިސްޓްރީ އޮފް ޓުއަރިޒްމް އިން ދިން ޖަވާބާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ، ޖަވާބުގައި ވަނީ ސިޔާސަތަކީ އެ ކުންފުނި ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެ ކުންފުނީގެ ހަރުދަނާ ކުރަން ޖެހޭ ކަންތައްތައް ހަރުދަނާކޮށް، ކަނޑައެޅިފައިވާ އުސޫލަކުން ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރުން ކަަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް