ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާރު ސްޕީޑުގައި ހުމާއި ރޯގާ ފެތުރި، އެޗް1އެން1 އަށް ބައެއް މީހުން ޕޮޒިޓިވްވެފައިވީ ނަމަވެސް، ބިރުގަންނަންޖެހޭ ހާލަތަކަށް ނުދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރާއްޖެއިން އެޗް1އެން1 ފެނިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕީޓަލް ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އެޗް1އެން1ގެ ކޭސްއެއް ފެންނަ އިރަށް އެކަމެއް ސީރިއަސް ނުވާ ކަމަށެވެ.
ޑރ. ނިޔާފް ވިދާޅުވީ ފެތުރޭ ރޯގާއެއްގެ ސީރިއަސްކަން ބަލަނީ، އެޗްޕީއޭ އަށް އެ ކޭސްތައް ރިޕޯޓްކުރާ މިންވަރަކަށް ބަލައިގެން ކަމަށެވެ. އަދި މި ވައިރަސް ފެތުރޭތާ އަހަރުތަކެއް ވެފައިވާކަން ފާހަގަކޮށް ޑރ. ނިޔާފް ވިދާޅުވީ މި ވައިރަސްޖެހި އިންސާނުންގެ ހަށިގަނޑުގައި ވައިރަސްއަށް ދިފާއުވާނެ ބާރު ލިބިފައިވާތީ، އާންމު ހާލަތުގައި ހުންނަ މީހެއްގެ ފުރާނައަށް ބަލީގެ ސަބަބުން ނުރައްކާތެރި ކަމެއް ނުފޯރާނެ ކަމަށެެވެ.
ޑރ. ނިޔާފް ވިދާޅުވީ އެޗް1އެން1 އިންފްލުއެންޒާ ފެނުނު ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވެ ބިރުގަންނަންޖެހޭ ފަދަ ހާލަތަކަށް ގޮސްފައިނުވާ ކަމަށެވެ. ކަންބޮޑުވެ، ބިރުގަތުމުގެ ބަދަލުގައި، މި ބަލިން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑރ. ނިޔާފް އިލްތިމާސް ކުރެއްވި އެވެ.
ޑރ. ނިޔާފް ވަނީ، މީހުން ގިނައިން އެއްވާ ތަންތަނަށް މި ދުވަސްވަރު ނުދިއުމަށާއި، ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އައިޖީއެމްއެޗްގެ ފްލޫ ކްލިނިކަށް ރޯގާ ޖެހޭއިރަށް ނުދިއުމަށާއި، ގޭތެރެއިން ފަރުވާ ހޯދުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.
އިންފްލުއެންޒާއަށް ޓެސްޓްކުރުމުގެ ނިޒާމް 2015 ގައި ރާއްޖޭގައި ގާއިމްކުރެވުނު އިރު، ހެލްތް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި 2015 އާއި މިދިޔަ އަހަރު ނެދުނު 475 ސާމްޕަލްގެ ތެރެއިން އެޗްވަންއެންވަން އަށް 16 ފަރާތެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ޓެސްޓްކުރެވުނު 208 މީހެއްގެ ތެރެއިން 27 މީހަކު އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.
ޑރ. ނިޔާފް ވިދާޅުވީ 2009 ވަނަ އަހަރު ފެތުރުނު ސްވައިން ފްލޫ "ޕެންޑެމިކް" އޭގެ ފަހުން، އެޗް1އެން1 ބާވަތުގެ އިންފްލުއެންޒާއަކަށް ނުވަތަ އާއްމުކޮށް ފެތުރޭ ފްލޫއެއްގެ ގޮތުގައި ބަދަލުވެ ފެތުރެމުންދާ ކަމަށެވެ.
އިންފްލުއެންޒާގެ އަލާމާތްތައް ފެންނާތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކުޑަކުއްޖަކަށް ފަރުވާދެމުންދާ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ. ނަމަވެސް، އެ ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ނިޔާޝާ އިބްރާހިމް ވިދާޅުވީ ކުއްޖަކު ބަލިވެ އުޅޭނަމަ ސްކޫލަށް ނުފޮނުވުމާއި، ބަލިވެ އުޅޭ މީހުން އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަކީ ވަރަށް އެދެވިގެންވާ ކަމެއް ކަމަށެވެ. ޑރ. ނިޔާޝާ ވިދާޅުވީ ސްކޫލްތައް ބަންދުކުރާ ހާލަތަށް އަދި ނުދާ ކަމަށާއި ސްކޫލް ބަންދަށް ދިއުމަށް ވެސް މާގިނަ ދުވަސްތަކެއް ނެތް ކަމަށެވެ.
އަރިދަފުސް ރޯގާ ޖެހި ތިރީގައިވާ އަލާމާތްތަކުގެ ތެރެއިން މަދުވެގެން ދެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.
- ހުން އައުން
- ކަރުގައި ރިހުން
- ބޮލުގައި ރިހުން
- ގައިގައި ރިހުން
- ހީކަރުވާފައި ވަރުދެރަވުން
- ބޭރަށް ހިންގުން، ހޮޑުލެވުން
މިފަދަ ބަލިތަކަކީ އެކަކުގެ ފަރާތުން އަނެކަކަށް ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށް ވާތީ، ތިރީގައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
- ކެއްސާ، ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ރުމާލެއް ފަދަ އެއްޗެއް އެޅުން
- އާންމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނި ލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުވުން
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
- ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި، އެ ކުދިން އުރާ ނުހެދުން
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން