ދިވެހި ސަރުުކާރު ޝާމިލުވާ އެކި އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމަށްޓަކައި އެކުލަވާލައިފައިވާ ކޮމެޓީއަށް ހުށަހެޅޭ މާލީ ލިޔެކިޔުންތައް އިވެލުއޭޓްކުރާނެ މިނިވަން އޮޑިޓް ފާރމެއް ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން އިއުލާނުކޮށްފިއެވެ.
ހޯމަ ދުވަހު އެޓަރނީ ޖެނެރަލްގެ އޮފީހުން ޢާންމުކުރި ނޫސްބަޔާނުގައި ބުނެފައިވަނީ ކޯޓަށް ނުވަތަ އާރބިޓްރޭޝަނަށް ހުށަހެޅިފައިވާ، ދިވެހި ސަރުކާރު ޝާމިލުވާ އެކި އެކި މައްސަލަތަކާއި، ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ޙަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫޢުތަކާއި އެ މަޝްރޫޢުތަކާ ގުޅޭ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ޙައްލު ކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި އެކުލަވާލާފައިވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، މިނިވަން އޮޑިޓް ފާރމެއް ޢައްޔަންކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.
ސެޓްލްމަންޓް ކޮމިޓީގެ ބޭނުމަށް ޢައްޔަނުކުރެވޭ އޮޑިޓް ފާރމްތަކުގެ މައިގަނޑު މަސައްކަތަކަށްވާނީ ކޮމިޓީގައި މަޝްވަރާކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މުސްތަޤިއްލު ކަމާއެކު އިވޭލުއޭޓްކޮށް، އެ މައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމުގައި ކޮމިޓީއަށް ލަފާއެރުވުންކަމަށް ބަޔާނުގައި ވެއެެވެ.
މީގެ އިތުރުން އެކި އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ ޢަދުލުވެރި މިންވަރެއްކަން ޔަޤީންކޮށް، ސަރުކާރުގެ މަޞްލަޙަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުމަކީ ކޯޓުން ބޭރުގައި ޙައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފާރމްއެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަޤްޞަދެއްކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ. މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ ބީލަމުގެ އުޞޫލުން ކަން ފާހަގަކޮށް އޭޖީ އޮފީހުން ނެރުނު ބަޔާނުގަައި ވަނީ މަސައްކަތުގެ ތަފްޞީލު ހިމެނޭ ޓާރމްސް އޮފް ރިފަރެންސާއި ބީލަމާ ގުޅޭ ލިޔެކިޔުންތައް އަވަސް ފުރުޞަތެއްގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެކަމަށެވެ.