Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2019 | ހޯމަ 12:06
ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް ނަޝީދު
މަޖިލިސް
ރައީސް ނަޝީދު
ބަންޑާރަ ނައިބުގެ އޮފީހުން ބޭނުންވާ ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށް ހުރަހެއް ނެތް : ރައީސް ނަޝީދު
ގާނޫނު ހެދުމުގެ ހުރިހާ މަސައްކަތރް ކުރަންޖެހެނީ މަޖިލީހުން
ގާނޫނު ހެދުމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ މަޝްވަތާކުރުން މުހިންމު

ބަންޑާރަ ނައިބުގެ އޮފީހުން ބޭނުންވާ ގާނޫނެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ 52 ވަނަ ޖަލްސާ ފައްޓަވައި ވާހަކަ ދައްކަވަމުން ، ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދިވެހި ދައުލަތުގެ ގާނޫނޫ ހަދާ މަޖިލިސް ކަމަށާއި، ގާނޫނު އަސާސީގެ 70 ވަނަ މައްދާގައި ރާއްޖޭގެ ގާނޫނު ހެދުމުގެ އެންމެހާ މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ މަޖިލީހުންކަން ބަޔާންކޮށްފައިވާކަމަށެވެ. އަދި ހަމަ ގާނޫނު އަސާސީގެ 70 ވަނަ މައްދާގެ ށ ގެ ދެވަނަ ނުކުތާގައި ވާ ގޮތުން ގާނޫނު އެކުލަވާލުމާއި ގާނޫނަށް ބަދަލު ގެނައުމާއި އަދި ގާނޫނު އުވާލުމުގެ ހުރިހާ މަސައްކަތް ކުރަންޖެހެނީ މަޖިލީހުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން އަންނާތީ، އެކަމުގައި ސަރުކާރު މައި ޕާޓީ އެމްޑީޕީގެ މެމްބަރުންނާއި، އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި މެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުުގައި ، ރައީސް ނަޝީދު ވިދާޅުވީ ބަންޑާރަ ނައިބުގެ އޮފީހުން ބޭނުންވާ ގާނޫނެއް ހަދާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހެދުމުގައި ދައުލަތުގެ އެކި ވުޒާރާތަކުގެ މަޝްވަރާ ހޯދުން އެއީ މުހިންމުކަމެއްކަމަށެވެ.

އިއްޒަތްތެރި މެމްބަރުންނަށް ވެސް ، ހާއްސަކޮށް މުގައްރިރުންނަށްވެސް ދަންނަވާލަން މިއީ ގާނޫނު ހަދާ މަޖިލިސް. މި މަޖިލީހުންނޭ ގާނޫނު ހަދާނީ. ބަންޑާރަ ނައިބުގެ އޮފީހުން ހައްދަވަން ބޭނުންވެވަޑައިގަންނަވާ ގާނޫނެއް މި މަޖިލީހަކަށް ހުށަހެޅުމަށް އެއްވެސް ހާލެއްގައި ހުރަހެއް ނެތް. އަދި މި މަޖިލީހުން ހަދާ ގާނޫނެއް ހެދުމުގައި ދައުލަތުގެ އެކިއެކި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތައް ބޭނުންކުރުން އަދި މަޝްވަތާކުރުން އެއީ އިންތިހާއަށް މުހިންމުކަމެއް.
ރައީސް ނަޝީދު

ބިލެއް ހެދުމުގައި މަޖިލީހުގެ ވަސީލަތް ތައް ބޭނުން ކުރެވެނީ ހަމައެކަނި ގާނޫނު ހަދަައި ބިލް ޑްރާފްޓް ކުރުމަށްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ދައުލަތުން އިންތިޒާމުކޮށްފައި ވަނީ މަޖިލީހުން ގާނޫނު ހެދުމަށް ކަމަށާއި މެމްބަރުންގެ އަމިއްލަ ފައިދާ އަށް ނޫންކަމަށެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާ އާއި ގުޅިގެން އިޖްރާޢަތެއް އެކުލަވާލައިފައިވާކަމަށެވެ.

އަޅުގަނޑު ވާނެ މަޖިލީހުގެ އިދާރާއާއި އެކީގައި އިޖުރާއަތެއް އެކުލަވާލާފައި. ބިލެއް ހެދުމުގައި ބައެއް ބޭފުޅުންނަށް ވިސްނިވަޑައިގަންނަވާ މި މަޖިލީހުގެ ވަސީލަތްތައް ، އެމްޑީޕީވެސް އަދި އެހެން ޕާޓީންވެސް ބޭނުންކުރާ ވާހަކަ. މި މަޖިލީހުގެ ވަސީލަތްތައް ބޭނުން މި ކުރެވެނީ ތީގެ އެއްވެސް ބޭފުޅެއްގެ ގެޔަށް ލައިގެން ކާއެއްޗެހި ހޯދާކަށް ނޫން. ގާނޫނު ހަދަން. ބިލް ޑްރާފްޓް ކުރަން. ނަޒާހަތްތެރިކަމާއި ގުޅިފައި އޮންނާނީ ތީގެއިން ބޭފުޅެއްގެ ލައިގެން ކާނެ އެއްޗެއް ނުވަތަ އަންނައުނަށް މިތަނުން ވަސީލަތްތަކާއި މިތަނުގެ ބޭނުންތައް ބޭނުން ކުރީމައި. މިއުޅެނީ ގާނޫނު ހަދަން އަޅުގަނޑުމެން ބޭނުން މިކުރަނީ މި ތަނުގެ ވަސީލަތްތައް. ދިވެހި ދައުލަތުން އިންތިޒާމްކޮށްފައި އޮންނަ ގޮތަކީ މި ތަނުގެ ވަސީލަތްތައް ބޭނުން ކުރާނީ ގާނޫނު ހަދަންކަމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއްވެސް އޮޅުމެއް ނެތް.
ރައީސް ނަޝީދު

ސަރުކާރުން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ބިލްތައް ސީދާ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ޑްރާފްޓްކުރުމުގެ މަސައްކަތްތަކެއް ކުރަން ފެށުމާއެކު، އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެކަމާ ނުރުހުން ފާޅު ކުރައްވާ މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެ ތަންފީޒު ކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތް ކަމަށް ވިދާޅުވެ، ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ މި ދައުރަށް ސަރުކާރުން ވަނީ 34 ބިލެއް ހުށަހެޅުމަށް ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް