އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވި ބައެއް ގެތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޒިޔާރަތް ކުރައްވައިފިއެވެ.
ރާއްޖޭގެ ދެކުނުން އެންމެ ބޮޑު އަތޮޅު ކަމަށްވާ އައްޑޫއަށް ފާއިތުވި ދެ ދުވަހު ވެހެމުންދާ ވާރޭގައި ގިނަ ގެތަކަށް ގެއްލުންވެފައިވެއެވެ. އެގޮތުން 140 ގެއްލުންވެ އެ ގެތަކަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން އައްޑޫ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، ޑިފެންސް މިނިސްޓަރު މާރިޔާ އާދިއްތަ ދުވަހު އައްޑޫ އަށް ވަޑައިގެން ފެންބޮޑުވު ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި އެމީހުންގެ ހާލު އަހުވާލު ބައްލަވާފައިވަ ކަމަށެވެ. މިނިސްޓަރުގެ އައްޑޫ އަށް ކުރައްވާ ދަތުރުފުޅަށް ފަހު ދެން ވަޑައިގަންނަވަނީ ފުވައްމުލަކަށެވެ.
ސޯބެ ވިދާޅުވީ، ދެ އާއިލާއެއް ފިޔާވާ ހުރިހާ އާއިލާއެއް ވަގުތީ ހިޔާއިން އެމީހުން ދިރިއުޅޭ ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ގެތަކުގެ ތެރޭގައި ހުރި ފެން ފިޔަވާ ފެންބޮޑުވެފައިވާ މަގުތަށް ހިއްކުމުގެ މަސައްކަތް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކު ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުން އާދިއްތަ ދުވަހުގެ ރޭގަނޑު އަށަކުން ހެނދުނު އަށަކަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވޭއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކޮށްފައިވާއިރު، ވައި ޖެހޭނީ އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އަދި އެހެންހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.