ކ. މާލެ
|
13 އޮކްޓޯބަރ 2019 | އާދީއްތަ 00:34
މެދުތެރޭ ޖަޕާނުގައި އޮންނަ އިސުޒޫ ކޯރު ބަންޑުން ޖަހާލަނީ
މެދުތެރޭ ޖަޕާނުގައި އޮންނަ އިސުޒޫ ކޯރު ބަންޑުން ޖަހާލަނީ
ރޮއިޓަރސް
ތޫފާން ހަގިބިސް
ތޫފާން ހަގިބިސް : 60 އަހަރު ތެރޭގައި ޖަޕާނަށް އެރި އެންމެ ވަރުގަދަ ތޫފާން
މިހާތަނަށް ދެ މީހަކު ވަނީ މަރުވެފައި
1.5 މިލިއަނެއްހާ މީހުންނަށް ބޮޑު ނުރައްކަލެއް އެބައޮތް ކަމަށް ޖަޕާނުގެ ކަމާއިބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި
ތޫފާނުގެ ސަބަބުން މުޅި ޓޯކިޔޯ ވަނީ ހުއްޓުމަކަށް އައިސްފައި

ފާއިތުވި 60 އަހަރުގެ ތެރޭގައި ޖަޕާނަށް އެރި އެންމެ ވަރުގަދަ ތޫފާނާއި ގުޅިގެން ހަ މިލިއެނަށްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް، ވެރިރަށް ޓޯކިޔޯގެ ކަމާއިބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

ތޫފާން ހަގިބިސްގެ ނަމުން ނަން ދެވިފައިވާ މި ތޫފާނުގައި، މިހާތަނަށް ދެ މީހަކު މަރުވެފައިވާ ކަމަށް އަލްޖަޒީރާ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. ތޫފާން ހަގިބިސް ޖަޕާނުގެ ހޮންޝޫއަށް އަރާފައިވަނީ، ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ތޫފާނާ ގުޅިގެން ބައެއް ކޯރުތައް ބަންޑުން ޖަހާލާފައިވާ އިރު، ދިޔަވަރު ބޮޑުވާ ގަޑިތަކާއި ދިމާވުމާއި ގުޅިގެން، ޓޯކިޔޯގައި ފެން ބޮޑު ވެދާނެ ކަމަުގެ ބިރު ވަނީ ބޮޑުވެފައެވެ. 24 ގަޑިއިރުގެ ތެރޭގައި ޓޯކިޔޯއަށް އެކަނި ވެސް، 939.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި ގަޑި އިރަކު 218 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ރެކޯޑް ކުރެވިފައިވެއެވެ. މިއީ މިއިން ޒަމާނެއްގައި ވެސް އެ ސަރަހައްދަށް ވާރޭ ނުވެހޭހާ ބޮޑު އަދަދެއް ކަމަށް ޖަޕާނު ސަރުކާރުން ރިޕޯޓްކޮށްފައިވެއެވެ.

ތޫފާން ހަގިބިސްއާ ގުޅިގެން އެ ގައުމުގެ މޫސޫމާ ބެހޭ އިދާރާއިން ވަނީ އެންމެ މަތީ ގިންތީގެ އެލަރޓް ނެރެފައެވެ. ކުއްލި އިންޒާރު ނެރުނު އެތައް ސަރަހައްދެއްގައި މިހާތަނަށް ވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި ފެން ބޮޑުވުމުގެ ހާދިސާތައް ރެކޯޑް ކުރެވިފައިވާ އިރު، އެލަރޓް ނެރެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ހުރިހާ އެންމެންވެސް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އިލްތިމާސްކޮށްފައެވެ.

ގިނަ އަދަދެއްގެ މީހުން، ސަރުކާރުގެ ގާއިމް ކޮށްފައިވާ ވަގުތީ ހިޔާތަކަށް ގޮސްފައިވާ އިރު، ރޭގެ ވަގުތެއްގައި 5.7 މެގްނިޓިއުޑްގެ ބާރު މިނުގައި ޓޯކިޔޯއަށް ބިން ހެލުމެއް ވެސް އައިސްފައިވެއެވެ. ހިޔާތަކަށް ދިޔަ މީހުންގެ ތެރޭގައި، މިދިޔަ މަހު އެ ގައުމަށް އެރި ތޫފާން ފަޒާއިގައި ހާލުގައި ޖެހިފައިވާ މީހުންތަކެއް ވެސް ހިމެނޭކަމަށް އެ ގައުމުގެ ކިޔޯޑޯ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ތޫފާން ހަގިބިސްއާ ގުޅިގެން އެ ގައުމުގައި މިހާރު ކުރިޔަށް ރަގްބީ ވަރލްޑް ކަޕްގެ ދެ މެޗެއް ކެންސަލް ކޮށްފައިވާ އިރު، ޖަޕަނީސް ގްރޯން ޕްރީ ވެސް ވަނީ ފަސްކޮށްފައެވެ. އަދި ޓޯކިޔޯ ސަރަހައްދުގައި ހުންނަ ދެ ވައިގެ ބަނދަރުގެ، ހުރިހާ ފްލައިޓްތަކެއް ވަނީ ހުއްޓާލާފައެވެ.

- ކޮމެންޓް