ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖުތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ހިންގުން ހުއްޓުވަން ޖެހޭ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖަލްސާތަކުގައާއި، އެކި އެކި ފޯރަމްތަކުގައާއި، މީސްމީޑިޔާގެ އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން އަނިޔާވެރިކަމަށް ގޮވާލައި ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތުކުރާ ފަރާތްތަކުގެ މަސައްކަތްތަކަކީ އެމްޑީޕިއިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
އެ ނޫސް ބަޔާނުގައި، މުޖުތަމައުގައި ބިރުވެރިކަން އުފައްދަން ހިންގާ އަމަލުތައް ތަހުގީގުކޮށް އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނުގައި ވާގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އެމްޑިޕީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނާ ހިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާރްތަކަށާއި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި ރައްޔިތުންނަށް ބިރުދައްކާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ވާހަކަ ދެއްކުމަކީ އެއްވެސް މުޖުތަމައެއްގައި ހުއްދަ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމުން ގައުމަށް ލިބޭނެ ހަމަޖެހުމަކާއި ކުރިއެރުމެއްވެސް ނޯންނާނެކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އެފަދަ ވާހަކަތައް ދެއްކުމަކީ، ގައުމުގެ ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާނެ ކަމެއް ކަމަށެވެ.
މުޖުތަމައުގައި ބިރުވެރިކަން އުފައްދަން ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ގޮވާލާ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލުރަން ކުރާ މަސައްކަތްތަކަށް އެމްޑީޕީން ހިތާމަ ކުރާ ކަމަށް ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީ އެއް ކަމަށެވެ.
އޭގެ އިތުރަށް އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަށް ހިންގާ ހަރަކާތްތައް އެމްޑީޕީން ކުށްވެރި ކުރާ ކަމަށާއި ގާނޫނު އަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރައްވާނީ އިސްލާމްދީނަށް ފުށު ނާރާ ގޮތަށްކަމަށް ގަބޫލު ކުރައްވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.