ރާއްޖޭގެ ހުރިހާ ރަށްރަށުގައި ހުރީ ބަރާބަރަށް ހިދުމަތް ދެވޭ ހާލަތެއްގައި ހުރި އެމްބިއުލާންސް ތަކެއް ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
"ނޭޝަނަލް އެމްބިއުލާންސް ސަރވިސް" ތައާރަފް ކުރުމަށްޓަކައި ހޮނިހިރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ވިދާޅުވީ، އެމްބިއުލާންސް އަކީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ އެންމެ މުހިއްމު އެއް ވަސީލަތް ކަމަށާއި، އެހެން ނަމަވެސް އެމްބިއުލާންސް ހަމަކުރުމާއި އެމްބިއުލާންސްގެ ފެންވަރު ދަމަހައްޓައި ހިދުމަތް ރަށްރަށުގައި ރަނގަޅު ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށެވެ.
ހެލްތް މިނިސްޓްރީން މިހާރު މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމާއި އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ކޮންމެ ދުވަހަކު ބޭނުންކުރެވޭ ހާލަތުގައި އޮންނާނެ އެމްބިއުލާންސްތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތެވެ.
އަމީން ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި މިހާރުވެސް ގިނައިން ހުރީ ބޭނުން ކުރެވެ ހާލަތެއްގައި ހުރި އެމްބިއުލާންސް ތަކެއް ނޫން ކަމަށާއި، ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމާއި އެކު ރައްޔިތުންނަށް ހިދުމަތް ދެވޭ ހިދުމަތް ރަނގަޅުވެގެންދާނެ ކަމަށެވެ. މިއަހަރު ތެރޭގައި 100 އެމްބިއުލާންސް އިތުރަށް ގެންނަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ނަމަކަށް ކަންކަން ކުރުމުގެ ސިޔާސަތު ނިމުމަކަށް އައިސް ހަގީގީ މާނާގައި ރައްޔިތުންނަށް މަންފާ ކުރާނެ ގޮތަށް ބައްޓަން ކުރުމަށްޓަކައި ރައީސް ސޯލިހުގެ ސިޔާސަތުގެ ފޮނިމޭވާ އަދި ރާހަތު ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރުގެ ނަޒަރުގައި އަވަސް އަރުވާލައިގެން ނަމެއްގައި ކަންކަން ކުރުމަކީ، އެކަމުން ރައްޔިތުންނަށް މަންފާ ކުރާނެ ކަމެއް ނޫނެވެ.
އެގޮތަށް ކަންކަން ކުރެއްވިއްޖެ ކަމަށްވާނަމަ އޭގެ ސަބަބުން ދައުލަތުން ކުރަން ޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާއިރު، ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތައް ހުއްޓިފައި ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.