މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ މައްސަލައެއް ބަލައިދިނުމަށް އެދި 2017 ވަނަ އަހަރު ސަލަފް ޖަމިއްޔާއިން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅިކަން ހާމަވެއްޖެއެވެ.
އެ ޖަމިއްޔާގެ ރައީސް ޝެއިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ސިޓީ ފޮނުއްވާފައިވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގައިކަމަށެވެ. އަދި ހޯމް މިނިސްޓްރީއަށް ފޮނުއްވި ސިޓީ އިސްލާމިކް މިނިސްޓްރީއަށްވެސް އޭރު ކޮޕީ ފޮނުވިކަމަށެވެ.
އެ ސިޓީ ފޮނުއްވި އިރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވީ އަޒްލީން އަހުމަދު، އަދި އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވީ ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.
ސިޓީ ހުށަހެޅިއިރު، އެ މައްސަލަޔާ ގުޅޭ ލިޔެކިޔުންތަކެއްވެސް ސަލަފުގެ ފަރާތުން ހުށަހަޅާފައިވާކަމަށާއި، އޭގެ ތެރޭގައި އިސްލާމް ދީނުގެ އަސާސްތަކާ ހިލާފު ވާހަކަތަކާއި ރާއްޖެއަށް ސެކިއުރަލިޒަމް ގެނައުމަށް ހިތްވަރު ދީފައިވާ ލިޔުންތައް ވެސް ހިމެނޭ ކަމަށް ޝެއިޚް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
މި ސިޓީއަކީ އަހަރުތަކެއް ވެފައިވާ ސިޓީއެއް ކަން ފާހަގަކޮށް ޝެއިޚް އަބްދުﷲ ވިދާޅުވީ ސިޓީއަށް ސީދާ ޖަވާބެއް ދެއްވިކަން ޔަގީންނުވާ ކަމަށާއި، ހޯމް މިނިސްޓަރާ ބައްދަލުވުމުން އެކަން ބައްލަވާނެ ކަމަށެވެ.