Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2019 | ހުކުރު 11:53
ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު (ވ)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ (ކ) ސަލާމްކުރައްވަނީ
ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު (ވ)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ (ކ) ސަލާމްކުރައްވަނީ
ރައީސް އޮފީސް
ޕޮލިސް ސާރވިސް
މުޖުތަމައުގައި ބިރުވެރިކަން އުފައްދާ ފަރާތްތަކާއިމެދުވެސް ފިޔަވަޅު އަޅާނަން: ޕޮލިސް ކޮމިޝަނަރ
ބިރު ދައްކައި އިންޒާރުދޭ މީހުންނަށް ފިޔަވަޅު އަޅާނެ
ފުލުހުންނަށް ވަނީ ކޯޓު އަމުރަކާއި ނުަލައި މީހުން ހައްޔަރު ކުރުމުގެ ބާރު ގާނޫނުން ލިބިފައި

ދީނަށް ފުރައްސާރަކޮށް ދީނާއި ހިލާފު ވާހަކަ ދައްކާ މީހުންނާއިމެދު ފިޔަވަޅު އަޅާ ގޮތަށް، މީހުންނަށް ބިރުދައްކާ މީހުންނާއި މެދުވެސް ފިޔަވަޅުއަޅުއްވާނެކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި، ތިން ވަނަ ހާއްސަ ޖަލްސާއިން ފާސްކުރި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވައިފައިވާއިރު، ބިލުގައިވާ ގޮތުން ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާއެއް ހިމެނޭ އެއްޗެއް އުފެއްދުމާއި، ގެންގުޅުމާއި، ވިއްކުމާއި އެހެން މީހަކަށް ދިނުމާއި، އެހެން ތަނަކަށް ގެންދިއުމާއި އެއިން ވިޔަފާރިކުރުން ފަދަ އަމަލެއް ކުރަން އުޅޭ ކަމުގެ ތުހުމަތެއް ކުރަން އުޅޭ ފަރާތަކާމެދު ކޯޓު އަމުރެއް ނުލައި އެމީހަކު ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އެފަދަ ކުށެއް ކުރަން އުޅޭކަމުގެ ތުހުމަތުކުރެވޭ ފަރާތަކާމެދު ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، އެފަދަ ފަރާތެއްގެ މައްޗައް ތުހުމަތުކުރެވޭ ކުށް ކޮށްފާނެ ކަމަށް ބެލުމަށް ބުއްދި އަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ، ނުވަތަ ހެކި ނައްތާލަފާނެ ކަމަށްޓަކައި، ކޯޓު އަމުރަކާ ނުލައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް އެ ބިލްގައި ބުނެފައި ވެއެވެ.

Advertisement

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ހުކުރު ދުވަހުގެ ހެނދުނު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އިސްލާމްދީނަށް ފުރައްސާރަކޮށް ދީނާއި ހިލާފު ވާހަކަ ދައްކާ މީހުންނައި ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އިންޒާރުދީ ބިރު ދައްކާ މީހުންނާއި މެދުވެސް ފިޔަވަޅުއަޅަމުން ދާނެކަމަށެވެ. އަދި މިކަހަލަ މައްސަލަތައް ވަރަށް ގާތުން ފުލުހުން ބަލަމުން ދާނެކަން ހާމަކުރައްވައި ހަމީދު ވަނީ މިފަދަ ވިސްނުން ގެންގުޅުއްވާ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

ފުލުހުންގެ އިދާރާއިން މިހާރުވެސް ދަނީ ''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓުގައި ﷲ އަށާއި ރަސޫލާ އަށް ފުރުއްސާރަކޮށްފައިވާކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ހުށަހެޅި މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި އެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވަމުންގެންދަވާނެކަމަށް ފުލުހުން ބުންޏެވެ.

އެމްޑީއެންގެ އެ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާގެ ގިނަ ފަރާތްތަކަށް އަންނަނީ އެކިއެކި އިންޒާރުތަށް ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް