ޗައިނާ އާއި ޕާކިސްތާނުން އެކި ދާއިރާތަކުން ގުޅުންތައް އިތުރަށް ބަދަހިކުރަން ނިންމައިފިއެވެ.
ދެ ގައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރީ ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ޗައިނާގެ ބެއިޖިން އަށް ވަޑައިގެން ޗައިނާގެ ބޮޑު ވަޒީރު ލީ ކެޗިޔާންގް އާއި ދެ ބޭފުޅުން ކުރެއްވި ބައްދަލުވުމެއްގައެވެ. އިމްރާން ޚާން ޗައިނާއަށް ވަޑައިގަތުމުން ލީ ވަނީ ހޫނު މަރުޙަބާއެއް ވެސް ދަންނަވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ލީ ވިދާޅުވީ، އަވަށްޓެރި ޤައުމުތަކަށް ޗައިނާއިން އިސްކަންދޭ ފަދައިން ޕާކިސްތާނަށް ވެސް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަށާއި ޕާކިސްތާނުގެ ރައްޔިތުންގެ ޙައްޤު ތަކާއި ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިތުރަށް ބޭނުންވާ ކަންކަމުގެ ދިފާއުގައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ޗައިނާއިން އެއްބާރުލުން ދޭނެ ކަމަށެވެ.
ބައިނަލްއަޤުވާމީ އަދި ޞަރަޙައްދީ ފެންވަރުގައި ޕާކިސްތާނު އަދާ ކުރާ ދައުރު އިތުރަށް ފުޅާކުރުމަކީ ޗައިނާއިން އަބަދުވެސް ދެކޭ ގޮތް ކަމުގައި ލީ ވިދާޅުވިއިރު ޗައިނާއިން އޮތީ ވިޔަފާރީ އާއި އިޤްތިޞާދީ ގޮތުން ގުޅިގެން މަސައްކަތްކޮށްގެން ކުރިޔަށްދާން ކަމަށް އެ ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރުގެ ވާހަކަފުޅުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ގައުމަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އޭގެ އިތުރަށް ވިޔަފާރިއާއި އިޤްތިޞާދީ އަދި އެހެނިހެން ދާއިރާތަކުގެ މަސައްކަތްތަކުގައި ވެސް ޗައިނާ އާއެކު ކުރިޔަށްދާން އޮތް ކަމަށް އިމްރާން ޚާން ވަނީ ފާހަގަކުރައްވާފައެވެ.