ސަރުކާރުން ބޭނުންވާ ގޮތަށް ޚަބަރުތަކަށް ގެނެސްދޭން ނޫސްތަކަށް ނުފޫޒޯ ފޯރުވާ ޚަރަދު ކުރަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތު ތަކެއް ކޮށްފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބާއްވަން ހަމަޖެހިފައިވާ ''އަންނަނީ އަންނަނީ'' މުޒާހަރާއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބުދަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، މި ސަރުކާރު އައުމުގެ ކުރިން މީޑިއާގެ މިނިވަންކަން އޮންނާނެ ކަމަށް ބުނެފައިވާއިރު، މިހާރު އެ މިނިވަންކަން ނުފެންނަ ކަމަށެވެ. އަދި ހަމައެއާއެކު ބައެއް މީޑިއާ ތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ޚަރަދު ކުރަމުންދާކަމަށް ތުހުމަތު ކުރެއްވިއެވެ.
އަޅުގަނޑުމެންނަށް މި ފެންނަމުންދަނީ ބައެއް ކަހަލަ މީޑިއާ ތަކަށް ނުފޫޒު ފޯރުވައިގެން ސަރުކާރުން ބޭނުންވާ ގޮތަކަށް ނޫނީ މީޑިއާ ތަކުން ވާހަކަ ނުދެއްކޭ ގޮތަށް އަމަލު ކުރަމުން ގެންދާތަން. މައުލޫމާތު ލިބެނީ ބައެއް ނޫސްތަކަށްވެސް ހަރަދު ކުރައްވައިގެން ސަރުކާރުން ބޭނުންވާ ގޮތް ނޫން ގޮތަކަށް އެވާހަކަތަށް ނުލިޔުއްވުމަށް ގެންދަވާތަން
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރައްވާފައިވާ ޢަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން ކުރާ ކަންތައް ވީހާވެސް ފަނޑުގޮތަކަށް ގެނައުމަށާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވާހަކަތައް ނުދައްކަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އެއީކޮން މީޑިއާތަކެއްތޯ ރާއްޖެ.އެމްވީން ސުވާލުކުރުމުން އަދުރޭ ވިދާޅުވީ، މީޑިއާ ތަކުގެ ނަންތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.
ސަރުކާރުން މީޑިއާތަކަށް ޚަރަދު ކުރާ ކަމަށް އިދިކޮޅުން ބުނެފައިވާއިރު އެކަމާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ސަަރުކާރުގައި މީޑިއާތަކަށް ދޭން ފައިސާއެއް ނުހުންނާނެ ކަމަށާއި، އެހެން ނަމަވެސް ރައީސް އޮފީހުން ބޭނުންވެގެން ނޫހެއްގައި އިޝްތިހާރެއް ޖަހަން ޚަރަދު ކޮށްފައި ހުންނާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ވަކި މީޑިއާ އަކަށް ނޫންކަމަށް ވިދާޅުވިއެވެ.
ހޫދު ވިދާޅުވީ، ރައީސް އޮފީހުގައި މީޑިއާ އެކު ބާއްވާ ބައްދަލުވުންތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ މީޑިއާތަކަކަށް ދަޢަވަތު ދީފައިވާނެ ކަމަށެވެ. ރައީސް އޮފީހުން ނުވަތަ އެއްވެސް މުވައްޒަފަކު ޚަރަދު ކޮށްފައިނުވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.