ރާއްޖެއިން އެޗް1އެން1 ޕޮސިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށާއި ނަމަވެސް އެއީ ސްވައިން ފްލޫއާ އެއްގޮތް ރޯގާއެއް ނޫން ކަމަށް ބުނެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އާދީއްތަ ދުވަހުގެރޭ ދަންވަރު ކުއްލި ބަޔާނެއް ނެރެފިއެވެ.
އާދީއްތަ ދުވަހުގެ ރޭ މެންދަމު އެޗްޕީއޭއިން ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގައި, ހުމާއި އަރިދަފުސް ރޯގާ އިތުރުވަމުން ދާ ދަނޑިވަޅެއްގައި ސްވައިން ފްލޫ ފެނިފައިވާކަމަށް ސޯޝަލް މީޑިއާގައި ޚަބަރުފެތުރެމުންދަނިކޮށެވެ.
ދަންވަރުގެ ވަގުތެއްގައި އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2009ގައި ފެތުރުނު ރޯގާއަށް ފަހު އެޗް1އެން1 އަކީ މޫސުމީ ރޯގާއެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ދުނިޔޭގައި ފެތުރެމުންދާ ރޯގާއެއް ކަމަށެވެ.
މީގެ އިތުރުން 2009 ވަނަ އަހަރު އެޗް1އެން1 ފުރަތަމަ ފެތުރެން ފެށިއިރު ގިނަ ބައެއްގެ ދިފާއީ ނިޒާމުވެސް ތައްޔާރު ނޫން ކަމަށާއި ނަމަވެސް މިހާރު މީހުންނަށް އެ ރޯގާ ޖެހި ރަނގަޅުވަމުން ދާއިރު އެހާ ބާރަށް ނުފެތުރޭކަމަށެވެ.
އެޗް1އެން1 ރޯގާއަކީ މިހާރު މާ ނުރައްކާ އެއްޗެއް ނޫން ކަމަށާއި އެއީ އެހެނިހެން ރޯގާތަކެކޭ އެއްފަދަ ރޯގާއެއްކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ސަބަބުތަކާއެކު އެޗް1އެން1 މިފަހަރު ފާހަގަ ކުރެވިފައިވަނީ އާއްމުކޮށް އަރިދަފުސް ރޯގާއަށް އެޗްޕީއޭއިން ކުރަމުން ގެންދާ ޓެސްޓްގެ ތެރެއިންކަމަށް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
ބަލިތައް ފެތުރުރުން ކޮންޓްރޯލް ކުރުމަށް އާއްމުކޮށް ފިޔަވު އަޅަމުންދާ އުސޫލުން އަރިދަފުސް ރޯގާފެތުރުން ކޮންޓްރޯލް ކުރުމަށްވެސް އެޗްޕީއޭއިން މިހާރު ފިޔަވަޅު އަޅަމުންދާކަމަށް ބުނެފައިވެއެވެ.
އައިޖީއެމްއެޗުން ވަނީ މިހާރު ފެތުރޭ ވައިރަލް ރޯގާ ތަކާއި ގުޅިގެން އައިޖީއެޗްގައި ކްލިނިކެއް ހުޅުވާފައެވެ. އަދި ބަލިމީހުންގެ ގާތައް ޒިޔާރަތް ކުރެވޭ ވަގުތު ކުޑަކޮށް ކުޑަކުދިން ބަލި މީހުން ކައިރިއަށް ނުގެންދިއުމަށްވެސް ވަނީ އެދިފައެވެ.