ކ. މާލެ
|
13 މާރޗް 2017 | ހޯމަ 05:33
އައިޖީއެމްއެޗް: ފެތުރެމުންދާ ރޯގާއާ ގުޅިގެން ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައި
އައިޖީއެމްއެޗް: ފެތުރެމުންދާ ރޯގާއާ ގުޅިގެން ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައި
އަޒުމޫން އަހުމަދު
އައިޖީއެމްއެޗް
ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ
ބަލިމީހުން ކައިރިއަށް ޒިޔާރަތް ކުރެވޭނެ ވަގުތުވެސް ވަނީ ކުޑަކޮށްފައި

އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންގެ ކައިރިއަށް 12 އަހަރުން ދަށުގެ ކުޑަކުދިން މިދުވަސްވަރު ނުގެންދިއުމަށް އެދޭކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިގޮތައް އެދިފައިމިވަނީ މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އަރިދަފުސް ރޯގާ އަދި ވައިރަލް ހުމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު އަހުމަދު މައުސޫމް ވިދާޅުވެފައިވަނީ އާދީއްތަ ދުވަހުން  ފެށިގެން ހޮސްޕިޓަލަށް ޒިޔާރަތް ކުރާ 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ބަލި މީހުންނާ ބައްދަލުކުރުން މަނާކޮށް، ހސްޕިޓަލުގައި ހަދާފައިވާ ކުޑަކުދިން ކުޅޭ ތަންތަން ވެސް ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ.

އެ ނިންމުމަކީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން އައިޖީއެމްއެޗަށް ގެންދިއުން މަނާކޮށްފައިވާއިރު، ބަލި މީހުންނަށް ޒިޔާރަތްކުރާ ވަގުތު ވެސް އައިޖީއެމްއެޗުން ވަނީ ކުޑަކޮށްފައެވެ.

އައިޖީއެމްއެޗުގައި ބަލި މީހުންނަށް ޒިޔާރަތް ކުރުމުގެ ވަގުތަކީ ހަވީރު 5:00 އިން 8:00 އަށެވެ. ނަމަވެސް މިހާރު  ގެނައި ބަދަލާއެކު ބަލިމީހުންގެ ކައިރިއަށް ޒިޔާތް ކުރެވޭނީ ހަވީރު 5:00 އިން އިރުއޮއްސި 7:00 އަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު އަހުމަދު މައުސޫމް ވިދާޅުވެފައިވަނީ  އެ ބަދަލު ގެންނަން ނިންމީ މިހާރު ފެތުރެމުންދާ ހުމާއި ރޯގާއަކީ އެކަކުގެ ފަރާތުން އަނެކަކަށް ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށްވާތީ، ބަލި މީހުންނަށް ޒިޔާރަތްކުރަން ހޮސްޕިޓަލަށް އައިސްއުޅޭ ވަގުތު ކުޑަކޮށް ބަލިމީހުންނާ ބައްދަލުކުރެވޭ ވަގުތު މަދު ކުރުމަށް ކަމަށެވެ.

މައުސޫމް ވިދާޅުވީ، ވައިރަލް ހުމާއި ރޯގާ ކޮންޓްރޯލް ކުރެވިއްޖެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗުން ބެލުމަށްފަހު ކުރިން އޮތް ގޮތަށް ބަދަލުކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ ދުވަހެއްގެ ތެރޭގައި ކަން ދަންނަވަން ދަތިކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް