ވިސްލް ބްލޯ ކުރާ ފަރާތްތަށް ރައްކާތެރިކޮށްދޭ ބިލަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވޯޓް ނުދެއްވައެވެ.
ވިސްލް ބޯލް ކުރާ ފަރާތްތައް ރައްކާތެރިކޮށްދޭ ބިލް މަޖިލީހުގެ ތަޅުމުން ފާސްވެފައިވަނީ 71 މެމްބަރުންގެ ވޯޓާއި އެކުގައެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް މި ބިލަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ކޮރަޕްޝަންތައް ފަޅާއަރުވާލާ ފަރާތްތަކައް ޤާނޫނީ ރައްކާތެރިކަން ދިނުމުގެ ބިލަށް ޤާސިމް ވޯޓް ދެއްވާފައިނުވާއިރު، އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޖޭޕީ އޮތީ ސަރުކާރު ކޯލިޝަނަށް އެއްބާރުލުން ދިނުމުގައި ކަމަށެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާ ބޮޑެތި ބިލްތަކުގައި ޖޭޕީގެ މެމްބަރުން ވޯޓް ނުދެއްވާތަން ދަނީ ފެންނަމުންނެވެ.
ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މެމްބަރުން ވަނީ ބިލަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މެމްބަރުން މި ބިލް ފާހަގަކޮށްފައިވަނީ މުހިއްމު ބިލެއްގެ ގޮތުގައެވެ.
ބިލަށް ވާހަކަދައްކަވަމުން އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވީ ދިވެހިރާއްޖޭގައި ފަހަކަށް އައިސް ހިނގަމުން ދިޔަ ކޮރަޕްޝަނުގެ މައްސަލަތައް އެންމެ އެކަށީގެންވާ މުނާސަބު ވަގުތުތަކުގައި އެކަންކަމަށް ރައްޔިތުންނަށް އެކަށީގެންވާ ފިޔަވަޅު ނޭޅި ހުރި މައިގަނޑު ސަބަބުތަކަކީ ،އެ ރައްޔިތުންނަށް މިފަދަ ކަންކަން އިސްނަގައިގެން ޒާތީ ޒިންމާގެ ތެރެއިން އެވާހަކަދެއްކުމުގެ މިނިވަންކަން ނޫނީ ރައްކާތެރިކަން ނެތުން ކަމަށެވެ.
"މިނިވަންކަން ނޫނީ ރައްކާތެރިކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދެވޭނެ އެއްވެސް ކަހަލަ ކަމެއް ހަމަޖެހިފައި ނެތުން.އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ކޮންމެ ނަޒާހަތްތެރި ރައްޔިތެއްގެވެސް އޮންނަންޖެހޭނެ ޒާތީ ޒިންމާއެއް މިއީ"އަލީ ހަމީދު ވިދާޅުވިއެވެ.
ވިސްލްބްލޯ ގާނޫނެއްގެ ގޮތުގައި އަންނަ އައުމަކީ އުފާކުރާ ކަމެއް ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ކަނޑިތީމް ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވީ ރާއްޖެ ގޮސްފައިމިވާ ހިސާބުން މުއައްސަސާތަކުގައި ވަރަށް ނޭއްގާނީ ކަންކަން ހިގާފައި އެބަހުރި ކަމަށެވެ. އެތަންތަނުގެ ވެރިން ޚިޔާނާތުގެ އެތައް އަމަލެއް ހިންގާފައި އެބަހުރި ކަމަށާއި، އަދި އެކަން އިގޭ އެތައް މުވައްޒަފުންނެއް އެބަތިބި ކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެން ނަމަވެސް ރައްކާތެރިކަމެއް ނެތުމުގެ ސަބަބުން އެމީހުން ބޭނުންގޮތަކަށް ބޭނުންކަމެއް ކޮށްފައި މިއަދުވެސް ހެވިފައި ތިބިތަން ފެންނަން އެބަހުރި ކަމަށެވެ.
"އެކަން ބަދަލުކުރުމަށްޓަކާ މި ބިލަކީ މި ގައުމުގައި އަދި ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި އަދި ރައްޔިތުންގެ ފާއިސާއަށް ހިޔާނާތްތެރިވެފައިވާ ފަރާތްތައް އެއީ އެގޭ ކަމަށްވާނަމަ އެ ފަރާތްތައް ދޭތެރޭގައި އެކަން ކަމާއި ބެހޭ ފަރާތްތަކައް އެންގުމަށް ހުޅުވާލެވޭ ދޮރެއް ކަމަށް"އަބްދުﷲ ޝަހީމް
ރައީސުލް ޖުމްހޫރިއްޔާގެ ޒީރޯ ޓޮލަރެންސް ސިޔާސަތު ތަންފީޒް ކުރުމަށް މިއީ ވަރަށް މުހިއްމު ބިލެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މި ބިލް ގާނޫނަކަށްވުމާއެކު ރައީސުލް ޖުމްހޫރިއްޔާގެ ޒިރޯ ޓޮލަރެންސް ސިޔާސަތު ތަންފީޒު ކުރުމަށް ވަރަށް ބޮޑު އެހީއަކަށް އަދި ބާރަކަށްވެގެން ދާނެ ކަމަށެވެ.
"ގަބޫލުކުރަންޖެހޭ ހަގީގަތަކީ ވެރިކަން ބަދަލުވާއި އެކުވެސް ހާއްސަކޮށް ސަރުކާރުގެ ކުންފުނިތައް ބަދަލުވެގެންދިޔައީ. މަތީގައި މަގާމްތަކުގައި ތިއްބެވި ވެރިން.ވޭތުވެދިޔަ ސަރުކާރުގައި މި ކުންފުނިތަކަކީ ކޮރަޕްޝަނުގެ ހާލިތައް. ކޮރަޕްޝަނުގެ ވާހަކަދެއްކީމައި އެ މުވައްޒަފުންނަށް ލިބޭ އަނިޔާތަކައް މި ބިލްގެ ސަބަބުން ނިމުމެއް އަންނާނެ" ޝިފާއު ވިދާޅުވިއެވެ.ޝިފާއު ވިދާޅުވިއެވެ.
ވިސްލް ބްލޯ ކުރާ ފަރާތްތައް ރައްކާތެރިކޮށްދޭ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއެވެ. މި ބިލް މަޖިލީހަށް ބަލައިގެންފައިވަނީ 17 ޖުލައި 2019 ގައި އޮތް ޖަލްސާގައެވެ. މި ބިލް ކޮމިޓީގައި ދިރާސާކުރުމަށް 2 މަހަށްވުރެ ގިނަ ދުވަސް ކޮމިޓީން ވަނީ ހޭދަކޮށްފައެވެ.
ބިލުގައިވާގޮތުން ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި އިންސާނީ ޙައްޤަކާ ޚިލާފު އަމަލެއް ހިންގުމާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ޚިލާފު ކަމެއް ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރާކަމަށް ވިސްލްބްލޯކުރާ މީހަކަށް ވަކި ގޮތަކަށް ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކަށް އެންގުމުގެ އިޚްތިޔާރު މުއައްސަސާއަށް ލިބިގެންވެއެވެ.
ބިލުގައިވާ ގޮތުން ވިސްލްބްލޯ ކުރާ ފަރާތުގެ ނަމާއި، އެޑްރެހާއި، އުމުރާއި، އާއިލާއާ ބެހޭ މައުލޫމާތާއި، ވަޒީފާ އަދާކުރާ ތަނާއި މަޤާމު ފަދަ މައުލޫމާތުތައް ސިއްރު ކުރަން ޖެހެއެވެ. އަދި މި މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާ، ކުށުގެ އަދަބަށް ތިން މަސް ދުވަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ގޭގައި ބަންދު ކުރުން ހިމެނެއެވެ.
މި ބިލް ގާނޫނަކަށް ވުމުން "ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓް"ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ޔުނިޓެއް އުފައްދަންޖެހެއެވެ. މި ޔުނިޓަކީ ވިސްލް ބްލޯ ކުރާ ފަރާތްތަކައް ރައްކާތެރިކަން ހޯދައިދިނުމަށްޓަކާ މިނިވަންކަމާއި އެކީގައި މަސައްކަތް ކުރާނޭ އުސޫލެއް ކަނޑައެޅުމުގެ ގޮތުން އުފެއްދޭ ޔުނިޓެކެއެވެ. އެ ޔުނިޓަކީ މިނިވަން ކަމާއެކީގައި މަސައްކަތް ކުރުމުގެ ބާރުލިބިގެންވާ މިނިވަން ޝަހްޞެކެއެވެ.