އަންގާރަ ދުވަހު އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ، ކޯޓް އަމުރާ ޚިލާފަށް ބައެއް ތަކެތި ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެ އެ ޕާޓީން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން(އެންއައިސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.
ކޯޓު އަމުރުގެ ދަށުން އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 5:30 ހާއިރުގަ އެވެ. އެމްޑީޕީގެ ހަރުގެ ފާސްކުރުމަށް، ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، ބޭރުގެ އެކި ޤައުމުތަކުގެ ވެރިންނާއި، އިއްޒަތްތެރިން ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ، އެ ބޭފުޅުންގެ ޝަރަފާއި، ގަދަރާއި، އިއްޒަތަށް އުނިކަން ލިބޭގޮތަށް އަމަލުތަކެއް ހިންގުމަށް ރާވާ ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމްޑީޕީގެ ހަރުގޭގައިވާ ބެނާތަކާއި، ބެނާތައް ހެދުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށެވެ.
އެމްޑީޕީ ހަރުގެ 45 މިނެޓް ވަންދެން ބަލާ ފާސްކުރުމަށް އެސްއޯ ފުލުހުން ހަރަކާތްތެރިވުމަށްފަހު، ގިނަ އަދަދެއްގެ ފޮތިތަކާއި، ބެނާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި ހަރުގޭގައި ހުރި ކުލަތަކާއި، ފަންސަރުތައްވެސް ފުލުހުން ގެންގޮސްފައިވެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެންއައިސީ އަށް މައްސަލަ ހުށަހެޅީ ކޯޓު އަމުރުގެ ދަށުން ބޭނުންނުވާ 21 ފޮތި ރޯލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ކަމަށެވެ.
އަނަސް ވިދާޅުވީ އެސްއޯ ފުލުހުންނާއެކު ހަރުގެ ބަލާފާސްކުރުމަށް ދިޔަ އިންވެސްޓިގޭޝަން އޮފިސަރު އެ ފޮތި ރޯލުތައް ތަހުގީގަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެފައިވަނިކޮށް، އެސްއޯ ފުލުހުން އެ ތަކެތި ގެންދިޔައީ ކޮންމެވެސް ފަރާތަކަށް ކުރި ފޯނު ކޯލަކަށް ފަހު ކަމަށެވެ.
އަނަސް ވިދާޅުވީ ތަހުގީގަށް ބޭނުންވާ އެއްޗެއް އެނގޭނީ އިންވެސްޓިގޭޝަން އޮފިސަރަށް ކަމަށާއި، ތަހުގީގަށް ފޮތި ރޯލުތައް ބޭނުންނުވާ ކަމަށް ބުނެފައިވަނިކޮށް އެސްއޯ ފުލުހުން އެ ތަކެތި ގެންދިޔައީ ކޯޓް އަމުރާ ޚިލާފަށް ކަމަށެވެ.
އެމްޑީޕީން ވަނީ އެ ފޮތި ރޯލުތަކާއި ތަހުގީގަށް ބޭނުންނުވާ ތަކެތި އަނބުރާ ރައްދު ކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.