މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާރކް (އެމްޑީއެން) ގެ ރިޕޯޓާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ސޯޝަލް މީޑިއާގަ ޢާއްމުކުރެއްވި މެސެޖެއްގައި ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން 2015 ވަނަ އަހަރު، "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަޞްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ރަސޫލާ (ސ) އަށް ތަވްހީދު ނުވާފަދަ ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެމައްސަލަ ބަލައި ދިވެހި މުޖުތަމަޢުގައި ޤާއިމުވެފައި އޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމާއި އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ދީނީ ޝިއާރު ފާޅު ކުރުމުގައި ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ޢަސާސީ ޙައްޤުތަކުގެ ބޭނުން ހިފުމުގައި މުޅި މުޖުތަމަޢުގެ މަސްލަޙަތު އިސްކޮށް އިސްލާމްދީނުގެ އެންމެހައި ޢަސާސްތަކާއި ޚިލާފު ނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިލްތިމާސްކުރައްވާފައިވެއެވެ.
އެމްޑީއެންއިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓު އާންމުންގެ ސަމާލުކަމަށް މި ފަހުން އައިސްފައިވަނީ އެ ރިޕޯޓުގައި މާތް ﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރުމުންނެވެ. އެ ރިޕޯޓާއި ގުޅިގެން ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލަ ހޫނުވެ އެމްޑީއެން އުވާލުމަށް ދީނީ ޢިލްމުވެރިން ވަނީ ގޮވާލައްވާފައެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައެއްގެ ގޮތުގައި ވަނީ ބަހުޘްވެސްކޮށްފަ އެވެ.