ގަވާއިދާ ޚިލާފަށް ގއ. ވިލިނގިލީ ގޮޑު ދޮށުން ވެލި ނެގި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ރަށުގެ ގޮނޑުދޮށް ޞަރަޙައްދުން ވެލި ނެގި ދެ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަޙުޤީޤް ކުރަމުން އަންނަ ކަމަށެވެ.
ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އެރަށުން ޖުމްލަ 161 ބަސްތާ ވެލި ނަގާފައިވާ ކަމަށާއި އާދިއްތަ ދުވަހު އެކަނިވެސް ވިލިނގިލީ ކުނިކޮށްޓާ ދިމާ ގޮނޑު ދޮށުން 100 ބަސްތާ ވެލި ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގެދޮރި ޢިމާރާތް ކުރުމަށް ނުވަތަ ފަރުދީ އެހެނިހެން ބޭނުންތަކަށް ގަލާއި، ވެއްޔާއި، އަކިރި ނަގަންވާނީ "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި ވެއްޔާއި އަދި އަކިރި ނެގުމާ ބެހޭ ޤާނޫން" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު" އާއި ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅު ޞަރަޙައްދުން ހިއްކުމާއި ފުން ކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އީޕީއޭ އިން ހުއްދަ ދީފައިވާ ތަންތަނުން އެކަނި ކަމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޤާނޫނާއި ގަވާއިދާ ޚިލާފަށް ގަލާއި ވެއްޔާއި އަކިރި ނަގާ ފަރާތްތަކުގެ މައްސަލަ އީޕީއޭ އާ ގުޅިގެން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.