ފަހަކަށް އައިސް ބައެއް ރަށްރަށުން ރުއް، ގަސް ކަނޑަމުން ގެންދަނީ އީޕީއޭގެ ހުއްދައާއި އެކުގައި ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ސްޓޭޓް މިނިސްޓަރ އަބްދުﷲ ނަސީރު ވިދާޅުވީ ރުއް ގަސް އުފުރުމުގެ ކަންކަން ކުރެވެނީ ތިމާވެއްޓާބެހޭ ޤާނޫނާއި އެއްގޮތައް ކަމަށެވެ. ހއ. ކެލާގެ މައްސަލަ އީޕީއޭއިން ބެލުމަށްފަހު އެކަން މިހާރު ހުއްޓުވައިފައި ކަމަށާއި، ބާރަށުން ރުއް އުފަރައިގެން ގެންދަނީ މިނިސްޓްރީގެ ހުއްދައާއި އެކުގައި ކަމަށް ނަސީރު ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަށް ކުރިއަށް ގެންދާނަމަ ތިމާވެއްޓަށް ގެއްލުންނުވާނެހެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅު ވަމުން ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ މަޝްރޫޢުތައް ކުރިޔަށްގެންދާއިރު، ތިމާއްވެއްޓަށް ލިބޭ ގެއްލުން ދިރާސާކުރުމަށްފަހުގައި އެއާއެއްގޮތައް މަޝްރޫއުތަށް ކުރިޔަށް ގެންގޮސްގެން ނޫނީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަނުކުރެވޭނެކަމަށެވެ. އެގޮތުން އެންވައިރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށްފަހު އޭގައިވާގޮތަައް މަޝްރޫޢުގެ ކަންކަން ތަންފީޒުކުރަމުންދޭތޯ ސަރުކާރުން ބަލަމުން ގެންދާކަމަށެވެ.
އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ވިދާޅުވީ މިހާތަނަށް އައި އިރު އެންމެ ގިނައިން ލިބިފައި ހުރީ ޢާންމުންގެ ގޭގެއިން ރުއް ގަސް ކެނޑުމުގެ މައްސަލަތަކާއި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން ރުއް ގަސްކެނޑުމުގެ މައްސަލަތައް ކަމަށެވެ. އަދި އީޕީއޭއިން ހުއްދަ ދޭއިރު މަޝްރޫޢަކީ ކުރިޔަށް ގެންދެވޭނެ މަޝްރޫޢެކަން ޔަޤީންކަން ދޭކަމަށާއި އަދި ކެނޑޭ ރުއް ގަސްތަކުގެ ތެރެއިން އެންމެ މަދުވެގެން 20 އިންސައްތަ ރުއް ގަސް އިންދަން ޖެހޭނެކަމަށް އަންގާ ކަމަށެވެ. އަދި ލިބޭ ކޮންމެ މައްސަލައެއް ފުލުހުންނާއި ކައުންސިލް މެދުވެރިކޮށް ބަލަމުންދާ ކަމަށް އިބްރާހިމް މުޙައްމަދު ވިދާޅުވިއެވެ.