މޯލްޑިވިސް ސްޕޯޓްސް ކޯޕަރޭޝަނާއި ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރަން ޕެންޝަން އޮފީހުން އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.
އާދިއްތަ ދުވަހުގެ މެންދުރުފަހު ޕެންޝަން އޮފީހުގައި ބޭއްވި ހަފްލާއެއްގައި ޕެންޝަން އޮފީހުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކު, އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މައުރޫފް އަޙްމަދެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ މީގެކުރިންވެސް އަތޮޅު ތެރޭގައި ޕެންޝަން އޮފީހުން އިސްނަގައިގެން މިފަދަ 3 ހަރަކާތެއް ބާއްވާފައިވާކަމަށާއި، މި ފަހަރުގެ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތް އޮންނާނީ 18 އޮކްޓޯބަރުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.
މޯލްޑިވިސް ޕެންޝަން އެޑްމިނިސްޓްރޭޝަންއަކީ އުމުރުން ދުވަސްވީ މީހުންނާއި ގުޅިލާމެހިފައިވާ ތަނެއްކަން ފާހަގަކޮށް ހަސަން މަނިކް ވިދާޅުވީ އެފަރާތްތަކަށް އަމާޒުކޮށްގެން މިފަދަ ހަރަކާތެއް ބޭއްވުމުގެ މަގްސަދަކީ އެފަރާތްތަކުގެ ސިއްހަތާއި ހިތްހަމަޖެހުމަށް ކަމަށެވެ.
މިކަމަކީ އެނގިވަޑައިގަންނަވާނެ، ދޮށީ އުމުރގެ މީހުން ސިއްހަތު ރަނަގަޅު ކުރުމަށާއި އެބޭފުޅުންގެ ހިތްހަމަޖެހުމަށްޓަކައި އަޅުގަނޑުމެން ކުރާ ކަމެއް. ޕެންޝަން އޮފީހަކީ މި ބޭފުޅުންނާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އިންސްޓިޓިއުޝަނެއް. އަޅުގަނޑުމެންނަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް އެބޭފުޅުންނަށް ލިބޭ ހިއްހަމަޖެހުމަކީ.މުޙައްމަދު ޙުސައިން މަނިކު
މި އިވެންޓްގެ މައުލޫމާތުތައް ހިއްސާކުރައްވަމުން ޕެންޝަން އޮފީހުން ބުނެފައިވަނީ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނި 18 އޮކްޓޯބަރ ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކަމަށެވެ. މިފަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ "ޖާރނީ ޓު އޭޖް އީކުއަލިޓީ" އެވެ. ތްރީ ޖެނެރޭޝަން ހިނގާލުމުގައި ހުރިހާ އުމުރެއްގެ ފަރާތްތައް ބާއިވެރިވާއިރު، އެ ހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ދާނެއެވެ. އެގޮތުން، ފޮޓޯ ބޫތުން އާއިލާ އާއިއެކު ފޮޓޯ ނެގުމުގެ އިންތިޒާމާއި، ހަދިޔާ ބެހުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމަށް ހަރަކާތްތަކެއް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި އިވެންޓަކީ ޕްލާސްޓިކް ފްރީ އިވެންޓެކެވެ.
މުހިންމީ އަވަހަށް ނިންމުމެއް ނޫންކަން ފާހަގަކޮށް ޕެންޝަން އޮފީހުން ބުނެފައިވަނީ ރަނގަޅީ ބޮޑަށް އާއިލާއިން އަތުގުޅާލައިގެން ހިނގާލުން ނިންމާލުން ކަމަށެވެ. ހިނގާލުމުގައި ބައިވެރިވާ އެކި ޖީލުތަކުގެ އާއިލާތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ހޮވާލެވޭ ތިން ނަސީބުވެރިޔަކަށް 2،000ރ ހުށަހަޅާފައިވާއިރު ތިން ޖީލަށްވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ އާއިލާ އަކަށް 3،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ހިނގާލުމުގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެންމެ ދޮށީ އުމުރުގެ މީހަކު ހިމެނޭ އާއިލާ އަށް ވެސް 3،000ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޕެންޝަން އޮފީހުން ބުނެފައިވަނީ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ހުޅުމާލެއަށް ދެވޭނެ ގޮތަށް ޓްރާންސްޕޯޓްގެ ކަންކަން ހަމަޖެއްސުމަށްޓަކައި މަސަތްކަތް ކުރަމުން ދާނެކަމަށެވެ.