ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ބިދޭސީން ގަލޮޅު ދަނޑު ފުރާލައިފިއެވެ.
ބިދޭސީން ގަލޮޅު ދަނޑުގައި އެއްވުމަށް އިކޮނޮމިކް މިނިސްޓްރީއިން އަންގާފައިވަނީ ސިވިލް ސާރވިސް ކޮމިޝަން ކުރިމަތީގައި ބިދޭސީން ކިއު ޖެހުމުގެ ސަބަބުން އާންމުންނަށް އުދަނގޫ ވުމާއި ގުޅިގެންނެވެ.
އެގޮތުން ހޮނިހިރު ދުވަހު ގަލޮޅު ދަނޑުގައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕޮއިންޓްމެންޓް ދޫކުރުން ކުރިއަށް ދާނެ ކަމަށާއި ހެނދުނު 9:00 މި އެޕޮއިންޓްމެންޓް ދޫކުރަން ވަނީ ފަށާފައެވެ. އިކޮނޮމިކް މިނިސްޓްރީއިން ބުނީ ރޭގަނޑުވެސް އެޕޮއިންޓްމެންޓް ދޫކުރާނެ ކަމަށެވެ.
މިވަގުތުވެސް ގަލޮޅު ދަނޑުގައި 3000 އަށް ވުރެ ގިނަ ބިދޭސީން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޖަމާވެފައެވެ.
ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ނުވާ ބިދޭސީންނާއި މެދު ފިޔަވަޅު އެޅިގެން ދާނެއެވެ. އެއްވެސް ސަބަބަކާ ހުރެ ރެގިއުލަރައިޒް ނުކޮށްދެވޭ ބިދޭސީންގެ ދަފްތަރެއް މިނިސްޓްރީން ބަލަހައްޓާނެއެވެ. ޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.