Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 12:26
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޝުއައިބް މުހައްމަދު އިގްބާލް
ކުރީގެ ރައީސް އަބްދުﷲ ޔާމީން
މިނިވަން 50ގެ ދެ ޕްރޮޖަކްޓަކުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަތް މައްސަލައެއް ބަލަނީ
ދައުލަތުގެ ތިން މަޝްރޫއަކުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވި ކަމަށް އޭސީސީން ބުނޭ
އެކަން ހާމަވީ ތަހުގީގަށް އެކޮމިޝަނުން ހޯދި ބޭންކް ސްޓޭޓްމެންޓްތަކުން
އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ ވަނީ އުފުލާފައި

މިނިވަން 50ގެ ދެ ޕްރޮޖަކްޓަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފައިސާ ވަތް މައްސަލަ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

އޭސީސީއިން މީގެކުރިން ވަނީ ތިން މަޝްރޫއެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާވެފައިވާކަން ހާމަކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އޭސީސީއިން ބަލަމުންދާ އެތިން މައްސަލައަކީ މިނިވަން 50ގެ ދެ ޕްރޮޖެކްޓަކުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވި މައްސަލައަކާއި ސީ ލައިފް ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއެއްގެ މައްސަލައެކެވެ. އެގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ސީ ލައިފުން 15،000 ޑޮލަރު ޖަމާކޮށްފައިވެއެވެ.

Advertisement

މިނިވަން 50ގެ ޕްރޮޖެކްޓުތަކުގެ ތެރެއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފަިއވަނީ ސައުންޑް އެންޑް ލައިޓިން މަސައްކަތްކޮށްފައިވާ ކުންފުނިންނެވެ. މިނިވަން 50ގެ ސައުންޑް އެންޑް ލައިޓިން މަސައްކަތް ކޮށްފައިވަނީ ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. ނަމަވެސް އެ ކުންފުންޏާއި ރާއްޖޭގެ ކުންފުންޏަކާއި ލިންކު ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވަނީ ލިންކުވެފައިވާ ކުންފުނިންކަން ވަނީ އެނގިފައެވެ. އެ ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާއިރު ޖަމާކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާކަމެއް ސާފެއް ނުވެއެވެ.

ތިން މަޝްރޫއެއްގެ ފައިސާ ރައީސް ޔާމީންގެ ކައުންޓަށް ޖަމާވިކަން އޭސީސީއިން ހާމަކޮށްފައިވަނީ ޖުލައި މަހުގެ 9 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެކޮމިޝަންގެ އޭރުގެ ރައީސެވެ. އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު އެކޮމިޓީގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އެކައުންޓުގައި 100 މިލިއަން ރުފިޔާގެ ފައިސާހުރިކަން ބެލި ބެލުމުން އެނގުނު ކަމަށާއި އެކޮމިޝަނުން ކުރި ތަހުގީގުގައި އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާއި ދައުލަތުގެ ތިން ޕްރޮޖެކްޓެއްގެ ފައިސާ ވަދެފައިވާކަން ހާމަ ވެފައިވާ ކަމަށެވެ. ދައުލަތުގެ ތިން ޕްރޮޖެކްޓެއްގެ ފައިސާ ވަތް ކަން ހާމަވި މައްސަލަ އޭސީސީއިން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރު އެކައުންޓްތަކުގެ ތަފްސީލު ލިބިގެން ދިޔައިރު ރައީސް ޔާމީންގެ އެކައުންޓްގައި 100 މިލިއަން ރުފިޔާގެ ފައިސާ ހުރި ކަމާއި ގުޅިގެން އެއާ ގުޅޭގޮތުން އަޅުގަނޑުމެން ތަހުގީގު ކުރިއަށް ގެންދިޔަ އިރު ތަހުގީގު ކުރިއަށް ގެންދިއުމުގައި އިތުރު ފައިންޑިންގްސްތަކެއް އަޅުގަނޑުމެން ދިރާސާ ކުރަން ފެށިން. އެ ދިރާސާ ކުރުމުގައި މިހާތަނަށް އަޅުގަނޑުމެން ވަރަށް ގިނަ ޑޮކިއުމެންޓްސްތަކެއް ވަރަށް ގިނަ ބޭންކް ސްޓޭޓްމަންޓްތަކެއް ދިރާސާ ކުރިން. މިހާތަނަށް ކުރި ތަހުގީގުން އަޅުގަނޑުމެންނަށް ފާހަގަވެފައި އެބަހުރި ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައި ހުރި ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ނަގުދު ފައިސާގެ ޓްރާންސެކްޝަން ވަރަށް ގިނަ އަދަދެއްގެ ހިނގާފައި ހުރިކަމާއި ހަމަ އެއާއެކު ރާއްޖެއިން ބޭރުގެ ބައެއް އެކައުންޓްތަކަށް ހިނގާފައި ހުރި ފައިސާތަކެއް ވެސް ހުރީމަ އެފައިސާތަކެއްގެ މުއާމަލާތެއް ވަދެފައި ވޭ. ހަމަ އެއާއެކު ދައުލަތުގެ ތަފާތު ތިން ޕްރޮޖެކްޓަކާއި ގުޅޭ ގޮތުން ލިންކު ވާ ފައިސާތަކެއް ހުރުމުން އެ ތިން މައްސަލަ ތަފާތު ތިން މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެން ތަހުގީގު ކުރަމުން އެބަގެންދަން.
އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު (9 ޖުލައި 2019)

ރައީސް ޔާމީންގެ އެކައުންޓުގައި ފައިސާ ހުރި މައްސަލަތައްބަލައި ބައެއް މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު އެ އޮފީހުގެ އެދުމުގެމަތިން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒްވެސްކުރިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ އަމުރު ބާތިލް ކޮށްފައެވެ. އެމައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާއިރު އެމައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ވަނީ ބާއްވާފައެވެ.

ރައީސް ޔާމީންގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން މިހާތަނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް އަދި އެފައިސާއިން މުއާމަލާތު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ މައްސަލަތަކުގެ ތަހުގީގު ކުރުމަށް އެކައުންޓްތަކުގައި ހުރި ޔޫއެސް ޑޮލަރާއި، ދިވެހި ފައިސާ ހިމެނޭ ގޮތުން ދިވެހި ފައިސާއިން ޖުމްލަ 100 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އެމަނިކުފާނުގެ އެކައުންޓުގައި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ މިހާރު ހިނގަމުންދާއިރު އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
5 އޮކްޓޯބަރ 2019 | ހޮނިހިރު 04:18
ޙިތަދޫ އަޑަ
ޜައީސް ޔާމީންގެ އެކައުންޓަށް ވަތް ފަނަރަ ހާސް ޑޮލަރު އެކަންޏެއްނޫން ވަދެފަ ހުންނާނީ. ޜޔ އަކީ ބޮޑެތި އޯޑަރުތަކަށް ކައްކައިދޭ ޝެފެއްކަން ނޭގެނީތަ؟
4 އޮކްޓޯބަރ 2019 | ހުކުރު 16:34
ރައީސް ހެދިފަ،
އަދިވެސް ރައީސް ހެދިފަ، ހޭއަރާކަށް ނުވޭތަ؟