ފަތުރުވެރިކަމަށް އެކަށީގެންވާ ރަށްތަކެއްތޯ ބެލުމަށް 27 ރަށެއްގެ އެސެސްމެންޓު ހަދަމުންދާ ކަމަށް ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަލީ ވަހީދު ވިދާޅުވީ ޖުމްލަ 27 ރަށެއް ފަތުރުވެރިކަމަށް އެކަށީގެންވާ ރަށްތަކެއްތޯ ބެލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން އޭގެ އިނީޝިއަލް އެސެސްމެންޓް ރިޕޯޓު، ސީޑީއީ ކޮންސަލްޓެންޓްގެ ފަރާތުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަތުރުވެރިކަމަށް އެކަށީގެންވާ ރަށްތައް ހުރިތޯ ބަލަމުންދާ ބައެއް ސަރަހައްދުތަށް ފާހަގަކުރައްވަމުން އަލީ ވަހީދު ވިދާޅުވީ މިހާރު ހއ. އުލިގަމުގެ އެސެސްމެންޓު ހަދާ ނިމުންދާކަމަށެވެ. އަދި އުލިގަމަށް އިޝާރާތް ކުރައްވާ އަލީ ވަހީދު ވިދާޅުވީ ބޭނުންވަނީ އުލިގަން ހުއްޓިފައި އޮތް އޮތުން ނިންމާ، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ޕްރޮޖެކްޓް އަލުން އިއުލާނުކުރުން ކަމަށެވެ.
މީގެއިތުރުން ކުރިއަށް އޮތް އަހަރު ތެރޭގައި ހދ. ނާގޮށިގެ މަސައްކަތް ފައްޓަވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން ނިންމާފައިވަނީ ހދ. ނާގޯށި މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދިނުމަށެވެ.
އަލީ ވަހީދު ވިދާޅުވީ، ހއ، ހދ.ގެ އިތުރުން ނ، ށ އަތޮޅުގެ ރަށްތަކާއި ރ އަތޮޅުގެ ރަށެއްގެ އެސެސްމެންޓު ހަދަމުން ދާ ކަމަށެވެ. އަދި މ އަތޮޅާއި ފ އަތޮޅުގައި ވެސް ރަށްތަކާއި ދ އަތޮޅުގެ ބައެއް ރަށްތަށް ބަލަމުންގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލ. އަތޮޅާއި، ހުވަދު އަތޮޅުގެ އިތުރުން ފުވައްމުލަކުގެ ޓުއަރިޒްމް ޒޯނާއި، އައްޑީ ސިޓީގެ ހަންކެޑަ ހިމެނޭ ގޮތަށް އެތަންތަނަށް ޓުއަރިޒްމް ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވިދާޅުވެ އަލީ ވަހީދު ވިދާޅުވީ ވަކިވަކި ރަށްތަކުގެ ނަންތައް އިއުލާނު ކުރެވޭނީ ސީޑީއީ ކޮންސަލްޓެންޓު ހަދާ އެސެސްމެންޓް ހެދުމަށްފަހު އިކޮނޮމިކް ކައުންސިލްގެ ވަޒީރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އަރުވާ ލަފާގެ މަތިން ކަމަށެވެ. އަދި މިހާތަނަށް ކޮންސަލްޓެންޓު ފައިނަލް ރިޕޯޓު އަރުވާފަނުވާ ކަމަށާއި، ރަށެއް ފަތުރުވެރިކަމަށް ނެރޭނީ ސޯޝިއޯ އިކޮނޮމިކް އެސެސްމެންޓުގެ އިތުރުން ތިމާވެއްޓާއި ގުޅޭ ދިރާސާތައް ހެދުމަށް ފަހު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އުއްމީދުތައް ވަރަށް ބޮޑު ކަމަށާއި އެހެންކަމުން އެކަމުގެ ޔަގީންކަން އެ އަތޮޅުތަކުގެ ރައްޔިތުންނަށް ދެއްވާ ކަމަށެވެ.