ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަރުކޮޅުފުށީގައި ކުރިއަށް ގެންދިޔަ ޖޮބްފެއާރ ގައި 1100 އަށް ވުރެ ގިނަ އިންޓަވިއުތައް ކުރެވުނު ކަމަށާއި އޭގެ ތެރެއިން 50 އަށްވުރެ ގިނަ ފަރާތްތަކުގެ ވަޒީފާ ކަށަވަރުވި ކަމަށް ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އޮތް މޯލްޑިވްސް ޓުއަރިޒްމް ކޮންފަރެންސް 2019 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަލީ ވަހީދު ވިދާޅުވީ 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކާއި އެކު ބޭއްވުނު މި ޖޮބްފެއާރއަށް 3000 އަށްވުރެ ގިނަ ރައްޔިތުން އެތަނަށް ޒިޔާރަތް ކުރި ކަމަށެވެ. 50 އަށް ވުރެ ގިނަ ފަރާތްތަކުގެ ވަޒީފާ ކަށަވަރު ވީއިރު ބާކީ ހުރި 450 ވަޒީފާގެ ދެވަނަ އިންޓަވިއުއާއި ތިންވަނަ އިންޓަވިއުގެ މަސައްކަތްތައް ކުރިއަށް ދާކަމަށް ވެސް ވިދާޅުވިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ފާހަގަކޮށްފައިވާއިރު އެ ދުވަހާއި ގުޅިގެން ވަނީ ވ އަތޮޅުގައި ކެނޯރޭހެއްގެ އިތުރުން ވ ކެޔޮދޫގައި ކަލްޗަރަލް ނައިޓެއްވެސް ބާއްވާފައެވެެ. މީގެ އިތުރުން ބަރޮސްފަޅުތެރޭގައި 521 މީހުންނާއި އެކު ފްރީޑައިވް ވޮލްޑްރެކޯޑްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި ރ އަނގޮޅިތީމުގައި ދިވެހި ރާއްޖެ ޑިމޮކްރަސިއަށް ކުރި ދަތުރު ދައްކުވައިދޭ ޓުއަރިސްޓު ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅާފައިވާއިރު ސްކޫލްކުދިންނަށް ބޭނުން ސުވާލެއް ކުރުމަށް އޯޕަންޑޭ އެއްވަނީ ބާއްވާފައެވެ.
މި ހަރަކާތްތަކަށް އަލިއަޅުވާލައްވަމުން އަލީ ވަހީދު ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރެވިގެންދިޔައީ އީދެއް ގޮތަށް ކަމަށާއި މި ހަރަކާތްތަކުގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެންދިޔަ ކަމަށެވެ.