ޓޫރިޒަމް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއަށް އއ. މަތިވެރި ''ކާޒާ މިއާ'' ގެސްޓް ހައުސް 50 އަހަރަށް ދީފައިވަނީ އޮޅުވާލައިގެން ކަމަށް ކައުންސިލުން ތުހުމަތުކޮށްފި އެވެ.
ޖާބިރު އަށް 50 އަހަރަށް ގެސްޓް ހައުސް ކުއްޔަށް ދިން މައްސަލާގައި އެރަށު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން ކައުންސިލްގެ މެމްބަރުން ވަނީ ބުރާސްފަތި ދުވަހު އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަތިވެރި ކައުންސިލުން ގެސްޓް ހައުސް އިމާރާތްކުރަން އަބްދުއް ރައްޒާގު އަލީ ކިޔާ މީހަކާއެކު ކައުންސިލާއި ވެފައިވާ އެއްބަސްވުމުގެ ދަށުން ގެސްޓް ހައުސްއެއް އިމާރާތް ކުރަން 25،000 އަކަފޫޓުގެ ބިމެއް ވަނީ ކުއްޔަށް ދޫކޮށްފައެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެސްޓްހައުސް ހިންގުމަށް ލައިސެންސް ދޫކުރުމަށް އެތައް ފަހަރެއްގެ މަތިން އޭރުގެ ޓޫރިޒަމް މިނިސްޓަރަކަށް އަހުމަދު އަދީބުގެ އިތުރުން މޫސާ ޒަމީރާއެކު ކައުންސިލުން ވަނީ މަޝްވަރާ ކޮށްފައެވެ. ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ، އޭރު ޓޫރިޒަމް މިނިސްޓްރީން 2017 ވަނަ އަހަރު އާ އުސޫލެއް އާއްމުކުރި ކަމަށެވެ.
އެ އުސޫލުގެ ދަށުން ކައުންސިލަށް އެއްވެސް ފައިދާ އެއް ނުލިބޭކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ، އެމްއޯޔޫ ގައި ސޮއިކުރުމަށް ޒަމީރު ހުށައެޅުއްވި ކަމަށެވެ. އެހެން ނަމަވެސް ކައުންސިލަށް ފައިދާ އެއް ނުލިބޭތީ އެކަން ނުކުރުމަށްފަހު އެގޮތަށް އޮއްވައި އަންގާލުމެއް ނެތި އަބްދުއްރައްޒާގު ވަނީ ގެސްޓް ހައުސްގެ އޯނަރޝިޕް ޖާބިރުގެ ނަމަަށް 2017 ބަދަލުކޮށްފައި ކަމަށެވެ.
އެހެން ނަމަވެސް ކައުންސިލަށް އެންގުމެއްނެތި އެއްވެސް ބަޔަކަށް ގެސްޓް ހައުސް ނުދެވޭނެ ކަމަށް އެގްރީމެންޓްގައި ބަޔާންކޮށްފައިވާތީ، ''ކާޒާ މިއާ''ގެ އެއްބަސްވުން ބާތިލްކުރުމުން ކޯޓަށް ހުށައެޅުމުން އެ ނިންމުން ރަނގަޅު ނޫންކަމަށް ހައިކޯޓުން ނިންމިއެވެ.
މައްސަލަ ކޯޓުގައި ގިނަ ދުވަސްތަކެއް ވަންދެން އިސްތިއުނާފު އޮތީތީވެ މައްސަލަ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ޖާބިރުއާ އެކު އޭނާ ބޭނުންވި ގޮތަށް ކަންތައްތައް ކުރި ކަމަށާއި، އަބްދުއްރައްްޒާގު ވެފައިވާ އެއްބަސްވުމުގެ ބާކީ މުއްދަތު ގައި ޖާބިރު ސޮއިކޮށް މުއްދަތު އިތުރުކޮށް، ސޯޝަލް ކޯޕަރޭޓް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ދަށުން އެއް މިލިއަން ޑޮލަރަށް މަޝްވަރާ ކުރެވުނު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ އެއްވެސް ކަމަކަށް ރިޔާއަތް ނުކޮށް ޓޫރިޒަމް މިނިސްޓްރީން އެ ގެސްޓް ހައުސް 50 އަހަރަށްދޭން ސޮއި ކުރުމަކީ އިންވެސްޓްމެންޓް ''ފޭރިގަތުން'' ކަމަށެވެ. ވިދާޅުވީ، ޖާބިރު އެ ބިމާއި ހަވާލުވި ފަހުން ބިމުގެ ކުލި އަދިވެސް ނުލިބޭ ކަމަށާއި، ބައެއް މުވައްޒަފުންގެ މުސާރަވެސް ހަމަޔަށް ނުލިބޭ ކަމަށެެވެ.
ވަރަށް އިހާނެތި ގޮތަކަށް މަތިވެރި ކައުންސިލަށް ނޭނގި މިވަރުގެ ކަމެއް ޓޫރިޒަމް މިނިސްޓްރީން އޮޅުވާލައިގެން ކޮށްފައި މިއޮތީ.އިސްމާއިލް އާތިފް ~ މަތިވެރި ކައުންސިލްގެ ރައީސް ~
އޭނާ ވިދާޅުވީ، އުސޫލު ބުނާ ގޮތުން ރައީސް ޓޫރިޒަމަށް ކަނޑައަޅާ ގަރާރު ފާސްކުރިއަސް މަތިވެރި ކައުންސިލާއި އެކު އެމްއޯޔޫ ގައި ސޮއިކުރަން ޖެހޭ ކަމަށާއި، ކުރިޔަށް ގެންދަން ޖެހޭނީ އެމްއޯޔޫގައި ސޮއިކޮށްގެން ކަމަށެވެ.
ކައުންސިލުން ބުނީ، ކަންބޮޑުވުމަކީ 50 އަހަރަށް ބިން ދިނުން ނޫން ކަމަށާއި، މައްސަލައަކީ އިންވެސްޓްމެންޓް ކައުންސިލަށް ނޭނގި ބާރު ކަނޑާލާފައި، ކައުންސިލަށް އެއްޗެއް ނުލިބޭ ގޮތަށް ޓޫރިޒަމް މިނިސްޓަރު އޭގެ ތެރެއަށް ''ވަނދެ'' ދޮގު މައުލޫމާތު ދެއްވުންކަމަށެވެ. އެ މައްސަލާގައި އެތައް ފަހަރެއްގެ މަތިން މިނިސްޓަރާއި އެކު ބައްދަލު ކުރެއްވި ކަމަށާއި، އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައިވާ ކަމަށް ކައުންސިލްގެ މެމްބަރުން ކޮމިޓީގައި ވިދާޅުވިއެވެ.
ކައުންސިލްގެ ވާހަކަތައް އަޑު އެހުމަށްފަހު، އެ މައްސަލަ ބެލުމަށް ކޮމިޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ނިޔާ) ވިދާޅުވީ، ކައުންސިލްގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. ސަބް ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އާއި މުހައްމަދު ރަޝީދު (ބޯ ދިގު) އަދި އުނގޫދާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.
މަތިވެރި ކައުންސިލުން ޓޫރިޒަމް މިނިސްޓްރީން އޮޅުވާލާފައިވާ ކަމަށް ބުނެފައިވާއިރު، ގެސްޓް ހައުސް ކުއްޔަށް ދީފައިވަނީ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ ލަފާގެ މަތިން ގަވާއިދާ އެއްގޮތަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.