ޖަލުތަކަށް ވެއްދުން މަނާ އެއްޗެއް ވެއްދުމުގައި ބައިވެރިވެއްޖެ އޮފިސަރަކު ކަރެކްޝަން ސަރވިސްގައި ހުރުމަކީ ބަލައިގަންނާނެކަމެއްނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މާފުށި ޖަލުގައި ފެށި ޖަލަށް ވެއްދުން މަނާތަކެތި ހުއްޓުވުމާއި ގުޅޭ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަޅުގަނޑު ވަރަށް ސާފްކޮށް ދަންނަވަން ބޭނުންވާ ވާހަކައެއް އެބައޮތް. ޖަލުތަކަށް ޤާނޫނީގޮތުން ވެއްދުން މަނާއެއްޗެއް ވެއްދުމުގައި އޮފިސަރަކު ބައިވެރިވެއްޖެނަމަ އެއީ ކަރެކްޝަން ސަރވިސްގެ އޮފިސަރެއްގެ ކިބައިގަ ހުންނަންޖެހޭ ޝަރުތު ފުރިހަމަނުވަނީ. އެފަދަކަމެއް ސާބިތުވެއްޖެ އޮފިސަރަކު މިމުއައްސަސާގައި ހުރުމަކީ އަޅުގަނޑު ޤަބޫލުކުރާނެކަމެއްނޫން. އަޅުގަނޑުމެން ޓޮލަރޭޓް ކުރާނެކަމެއްނޫންމިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ
އިމްރާން ވިދާޅުވީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ޖަލަށް ވަނުން ނުވަތަ ވެއްދުން މަނާތަކެތި ކޮންމެވެސް ގޮތަކަށް ޖަލަށް ވަނުން ކަމަށެވެ. އެހެންކަމުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އެންމެ މުޙިއްމު އެއްމަސައްކަތަކީ ޖަލަށް ވަނުން މަނާތަކެތި ޖަލަށް ވަނުން ހުއްޓުވުންކަމަށް ވިދާޅުވިއެވެ. މިމަސައްކަތު ބައްދަލުވުން ނިމިގެން ދާއިރު ތަޖުރިބާގެ މައްޗަށް ބިނާކޮށް އެކުގައި މަޝްވަރާ ކުރަން ޖެހޭ ކަމަށާއި މީގެއިން ނެރެވޭ ނަތީޖާއަކަށް ވާންޖެހޭނީ ޖަލަށް ވަނުން މަނާތަކެތި މަދުކުރެވިގެންދާނެ ގޮތްތައް ހޯދާ އެކަމަށްޓަކައި ރަނގަޅު ނިޒާމެއް އެކަށައެޅުންކަމަށް އިމްރާން ވިދާޅުވިއެވެ.
ޖަލަށް ވަންނަން ނުޖެހޭތަކެތި ވަނުމުގައި ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ބައިވެރިވުން އެބައޮތްކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވާ އިމްރާން ވިދާޅުވީ މުއައްސަސާގެ އަގު ހިފަހައްޓާނީ މުއައްސަސާގެ މުއައްޒަފުން ކަމަށެވެ.