މި ސަރުކާރުން ފަސް އަހަރު ތެރޭގައި ކުރާނެ ކަންތައްތައް އެކުލެވޭސްޓްރެޓީޖެކް އެކްޝަން ޕްލޭން ( އެސްއޭޕީ)އިފްތިތާހުކޮށްފިއެވެ.
ބުދަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސް ސޯލިހުއެވެ. އެސްއޭޕީ ބެހިފައިވަނީ މައިގަނޑު ފަސް ބަޔަކަށެވެ. އެއީ، ނޫ އިގްތިސާދު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮ ވެރިކަން އެވެ.
އެސްއޭޕީ ތައްޔާރުކޮށްފައިވަނީ، ސަރުކާރުގެ އެކި އިދާރާތަކާއި، ދައުލަތުގެ އެކި މުއައްސަސާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމްއިއްޔާތަކުގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ޕްލޭންގައި ބައެއް ބޭފުޅުން ބޭނުންނުވާ ގޮތަށް ލިޔެފައިވާ ކަންތައްތައް ހުރުން އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް ޕްލޭންގައި ހުރި ކަންތައްތައް ތަންފީޒު ކުރުމަށް ރައީސް ވަނީ ވަޒީރުންނަށް އިލްތިމާސް ކުރައްވާފައެވެ.
އެސްއޭޕީ ގައި މައިގަނޑު ދެކަމެއް ހިމެނެއެވެ. އެއީ ސަރުކާރުން ކަންކަން ކުރަންވީ ގޮތުގެ ތަރުތީބުގެ އިތުރުން ސަރުކާރު ޖަވާބުދާރި ކުރުމެވެ. ރައީސް ވިދާޅުވީ، ވަޒީރުންގެ ޒިންމާއަކަށް ވާން ޖެހޭނީ އޭގައި ހުރި ކަންތައްތައް ކުރުން ކަމަށާއި، އެކަމެއް ކުރާނެ ތާރީހާ އަދި އެކަން ނިންމަންވާ ތާރީހު ޕްލޭންގައި އޮންނާނެ ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ، އެ ޕްލޭނުން ސަރުކާރު ޖަވާބުދާރި ކުރެވޭނެ ކަމަށެވެ. ޕްލޭންގައި ހުރި ކަންތައް ތަންފީޒުވެފައިވޭތޯ ކޮންމެ ރައްޔިތަކަށް ނުވަތަ ކޮންމެ މީޑިއާ އަކަށްވެސް ސުވާލު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރައީސް ސޯލިހު އަރިހުގައި ނައިބް ރައީސް ފައިސަލް ނަސީމް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.