ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 16:43
އެމްއެމްއޭ އިމާރާތް
އެމްއެމްއޭ އިމާރާތް
ގޫގުލް
ރާއްޖޭގެ ރިޒަރވް
ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ
މި އަހަރުގެ ޖެނުވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 201.5 މިލިއަން ޑޮލަރު
ރިޒަރވް މެނޭޖްކުރުމަށް 100 މިލިއަން ޑޮލަރު އާރްބީއާއި އިން ވަނީ ނަގާފަ
ނަޝީދު ވިދާޅުވީ އަމިއްލަ ފައިސާގެ ގޮތުގައި ރިޒާވްގައި ހުރީ އެންމެ 25 މިލިއަން ޑޮލަރު ކަމަށް

ރާއްޖޭގެ ރިޒާވްއާ ގުޅޭ ގޮތުން ރައީސް ނަޝީދުކުރައްވާފައިވާ ޓްވީޓާ ގުޅިގެން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށާއި ރިޒަރވަށް އަންނަ ބަދަލުތައް އެމްއެމްއޭ އިން ނެރޭ ރިޕޯޓުތަކުގައި ހިމަނާނެ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއެމްއޭ އިން ވަނީ ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓުގައި ހުރި އެއްވެސް މައުލޫމާތަކާއި މެދު ކޮމެންޓް ކުރުމަށް ދެކޮޅުހަދާފަ އެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ހާމަކުރެއްވި އެއްވެސް މައުލޫމާތެއް އެމްއެމްއޭ އިން ދޮގުކޮށްފަ އެއްވެސް ނުވެ އެވެ.

ހުކުރު ދުވަހުގެރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރިޒަރވްގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފައި ވީނަމަވެސް، އެ އަދަދުގައި އޮޅުވާލުންތަކެއް ހުރި ކަމަށެވެ. އެގޮތުން، މި އަދަދުގެ ތެރޭގައި އިންޑިއާގެ ރިޒަރވް ބޭންކުން ނަގާފައިވާ 100 މިލިއަން ޑޮލަރާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފިން ނަގާފައިވާ 75 މިލިއަން ޑޮލަރު ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، ރާއްޖޭގެ ރިޒަރވްގައި ހުރީ އަމިއްލަ ފައިސާގެ ގޮތުގައި، 25 މިލިއަން އެމެރިކާ ޑޮލަރު ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި 201.5 މިލިއަން ޑޮލަރު ހުއްޓެވެ.

 މީގެ ކުރިން އެމްއެމްއޭ އިން ރާއްޖެއެމްވީ އަށް ވިދާޅުވެފައިވަނީ، އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ރާއްޖޭގެ ރިޒާވް މެނޭޖްކުރުމަށް ނަގާފައިވާ ކަމަށެވެ.

އެގޮތުން މި ފައިސާ ނަގާފައިވަނީ ސްވޮޕް އެރޭންޖްމެންޓެއްގެ ދަށުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ސްވޮޕް އެރޭންޖްމެންޓަކީ އެގައުމެއްގެ އަމިއްލަ ފައިސާ އާއި ޑޮލަރު ނުވަތަ އެނޫން ވެސް އެހެން ފައިސާއަކާ ބަދަލު ކުރުމުގެ މުއާމަލާތަށް ކިޔާ ނަމެކެވެ.

މިއީ ސާކްގެ ހުރިހާ ގައުމަކަށް ރިޒާވް ބޭންކް އޮފް އިންޑިޔާއިން ހަމަޖައްސާފައިވާ ކުރު މުއްދަތުގެ ފައިސާގެ މުއާމަލާތެކެވެ.

އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ނަގާފައިވާ އިރު މިއީ ދިވެހި ރުފިޔާ އިން ނަމަ، 1.5 ބިލިއަން ރުފިޔާ އެވެ. މި ފައިސާ ނަގާފައި ވަނީ ތިން މަހުގެ ތެރޭގައި ތިން ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައެވެ.

އެހެން ކަމުން ދިވެހި ސަރުކާރުން އަނބުރާ ދެއްކުމަށް ނަގާފައިވާ 1.5 ބިލިއަން ރުފިޔާގެ އިތުރަށް 46 މިލިއަން ރުފިޔާ އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަން ޖެހެއެވެ.

- ކޮމެންޓް