އިންޑިއާ އަސްކަރިއްޔާގެ ފަރާތުން އެމްއެންޑީއެފަށް ވެހިކަލްތަކެއް ހަދިޔާކުރައްވައިފިއެވެ.
އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު 4 ދުވަހަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އާދިއްތަ ދުވަހުގެ ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިންޑިއާ އަސްކަރިއްޔާގެ ފަރާތުން ހަދިޔާކުރެއްވި ވެހިކަލްތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
އަދި، އިންޑިއާގެ ފަރާތުން މި ވެހިކަލްތައް އެމްއެންޑީއެފްއާ ހަވާލުކޮށްދެއްވީ ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީ.އޯ.އެސް.ސީ)ގެ ޗެއަރމަން އަދި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތުއެވެ.
އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން ދެއްވާ އެހީތަކަށް އަލިއަޅުއްވާލައްވައި، ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށާއި، އެމްއެންޑީއެފްގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ދެއްވާ އިސްކަމާއި، އެހީތެރިކަން ފާހަގަކުރައްވައި އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤު ޝުކުރުއަދާކުރެއްވިއެވެ.
އިންޑިއާއިން އެމްއެންޑީއެފަށް ތިން ކާރާއި، ޕިކަޕަކާއި ސްޕެއަރތަކެއް ހަދިޔާ ކުރައްވާފައިވާއިރު ، އާދިއްތަ ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގެ ސަފީރު ސަންޖޭ ސުދީރާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ދެ ޤައުމުގެ ޑިފެންސް އެޓާޗޭއިން ބައިވެރިވެވަޑައިގެންނެވިއެވެ.