Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 17:05
ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ބައްދަލުވުމުގެ ތެރެއިން
ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ބައްދަލުވުމުގެ ތެރެއިން
ފިޝަރީސް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީ
ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ބައްދަލުވުން ފަށައިފި
ތިން ދުވަހަށް ކުރިއަށް ގެންދާ ބައްދަލުވުމެއް
މަސްވެރިކަން ތަރައްގީކޮށް ކުރިއަރުވެމާ ބެހޭ ގޮތުން މަޝްވަރާކުރާނެ

ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ 10 ވަނަ އާންމު ބައްދަލުވުން ފަށައިފިއެވެ.

މިބައްދަލުވުން އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެއެވެ.

މިބައްދަލުވުން ކުރިޔަށްދާނީ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ. ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންއަކީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާ (އެފް.އޯ.އޭ) ގެ އޮނިގަނޑުގެ ދަށުން އިންޑިއާ ކަނޑުގެ ހުޅަނގުބިތުގެ އައްސޭރިފަށުގެ ޤައުމުތަކުން ގުޅިގެން އެކުލަވާލާފައިވާ ޖަމިއްޔާއެކެވެ. މިޖަމިއްޔާގެ މައިގަނޑު މަގްސަދަކީ، ހުޅަނގުދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދުގެ އައްސޭރިފަށުގެ ޤައުމުތަކުން ގުޅިގެން މަސްވެރިކަން ރާވައި ހިންގާ ބެލެހެއްޓުމާއެކު، ކަނޑުގެ މާހައުލާއި މަސްވެރިކަމުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއެކު އެވަޞީލަތްތައް މުސްތަޤްބަލަށް ފޯރުކޮށްދެވޭނެ ގޮތަށް، ސަރަހައްދީ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުމަށް މެމްބަރު ޤައުމުތަކުން ގުޅިގެން މަސައްކަތްކޮށް ފިޔަވަޅުތަކެއް އެޅުމެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް ބެލެހެއްޓުމެނެތި މާކަނޑުގައި ކުރާ މަސްވެރިކަން ހުއްޓުވުމަށް މެންބަރު ގައުމުތަކުން ގުޅިގެން ފިޔަވަޅުތަކެއް އެޅުމެވެ. މިގޮތުން، ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ އުޅަނދުފަހަރަށް ގައުމުތަކުގެ ބަނދަރުތައް ބަނދުކޮށް އެފަދަ އުޅަނދުފަހަރުގެ ގަވާއިދާ ޚިލާފު އޮޕަރޭޝަންތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް ގައުމުތައް ގުޅިގެން އެޅުމެވެ. އަދި މަސްވެރިކަމާގުޅޭ މައުލޫމާތު މެމްބަރު ގައުމުތަކުގެ މެދުގައި ބަދަލުކޮށް މަސްވެރިކަމުގެ ދާއިރާއިން ފަންނީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުން ހިމެނެއެވެ.

މިބައްދަލުވުން އިފްތިތާހްކުރުމަށް އަންގާރަ ހެނދުނު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ އިންޑިއާ ކަނޑުގައި ގާނޫނާ ހިލާފަށް ރިޕޯޓްކުރުމެއް އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް އިންޑިއާ ކަނޑުގެ ހުޅަނގު ބިތުގެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ މަހުގެ ބާވަތްތަކުގެ ސްޓޮކްގެ ހާލަތު ދައްވުމުގެ ސަބަބުން ހިފާ މަހުގެ މިންވަރު މަދުކުރުމަށް އަޅާ ކޮންމެ ފިޔަވަޅެއްގެ އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭނީ އައްސޭރިފަށުގެ ކުދި ގައުމުތަކުން ކަމަށްވާތީ، މަހުގެ ސްޓޮކްތައް ދެމެހެއްޓެނިވި މިންވަރެއްގައި ބެހެއްޓުމަށް ދުރާލާ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ގައުމުތަކުގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައާއި ހައިސީސްގައި ކުރާ މަސްވެރިކަން ބަލަހައްޓައި މޮނިޓަރިކޮށް އަދި ހާއްސަކޮށް ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވައި އެފަދަ އުޅަނދުފަހަރާއި ފަރާތްތައް ޒިންމާދާރުކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ބަޔަކީ އައްސޭރިފަށުގެ ގައުމުތައްކަން ފާހަގަކޮށް ކޮމިޝަންގެ މެމްބަރު ގައުމުތަކުން އެކަމަށް ހާއްސަކަމެއްދީގެން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސްދޫކުރާ އެފަދަ ލައިސަންސް ދޫކުރުމުގައި އަމަލުކުރުމަށްޓަކައި މިހާރު ކޮމިޝަންއިން އެކުލަވާލާފައިވާ މިނިމަމް ޓާރމްސް އެންޑް ކޮންޑިޝަން ގައިޑްލައިންއަކީ މުހިއްމު ފިޔަވަޅެއްކަން ފާހަގަކޮށް އެގައިޑްލައިންގައި ހިމެނޭ ކަންތައްތައް ގައުމުތަކުން ތަންފީޒުކުރުމަށްވެސް މިނިސްޓަރު ގޮވާލެއްވިއެވެ.

Advertisement

މިނިސްޓަރގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކްގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާ މައްސަލައަށް ރިޢާޔަތްކޮށް، ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން އާދަޔާހިލާފަށް ގިނައިން ކަނޑަށް ދޫކުރާ އޮޔާދާ ބޮއި އަދި ޑްރިފްޓިންގް ފެޑްގެ ސަބަބުން ކަޅުބިލަމަހުގެ ސްޓޮކް ހީނަރުވަމުންދާކަން ފާހަގަކޮށް އޮޔާދާބޮއި ބޭނުންކުރާ މިންވަރު މަދުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށާއި ހައިސީ ގައި ހަރަކާތްތެރިވާ އިންޑަސްޓްރިއަލް ފްލީޓް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ދިއުން ހުއްޓުވުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީގެ) ތެރެއިން މެންބަރު ގައުމުތައް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަޖެހިފައިވާ ކަން ފާހަގަކުރެއްވެވިއެވެ. އަދި މިގޮތުން ދިވެހިރާއްޖޭގެ ނިސްބަތުން މިހާރުވެސް ފިޔަވަޅުތަކެއް އަޅަމުންދާކަމާއި، އަލަށް އެކުލަވާލެވުނު މަސްވެރިކަމުގެ ޤާނޫނުގައި ރާއްޖޭ ސަރަހައްދުގައި ކުރުން މަނާބާވަތްތަކުގެ މަސްވެރިކަމާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

ރާއްޖޭގައި ބޭއްވޭ ކޮމިޝަންގެ 10 ވަނަ ސެޝަންއަށް ތާވަލްކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، މެމްބަރު ގައުމުތަކުގެ ތެރެއިން ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސް ދޫކުރާ ގައުމުތަކުން ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަޑުތައް ކަނޑައަޅައި އެކުލަވާލާފައިވާ މިނިމަމް ޓަރމްސް އެންޑް ކޮންޑިޝަން ގައިޑްލައިން މެމްބަރު ގައުމުތަކުން ތަންފީޒްކުރުމުގައި އިންތިޒާމްތައް ހަމަޖައްސާނެ ގޮތަކާއިމެދު މަޝްވަރާކޮށް ރޯޑްމެޕެއް އެކުލަވާލުން ހިމެނެއެވެ. މިނިމަމް ޓަރމްސް އެންޑް ކޮންޑިޝަން ގައިޑްލައިންގައި، އިންޑިއާ ކަނޑުގެ ހުޅަނގު ބިތުގެ އައްސޭރިފަށުގެ ޤައުމުތަކުން މަސްވެރިކަންކުރުމަށް ލައިސަންސް ދޫކުރެވޭ ބޭރުގެ އުޅަނދުފަހަރަށް ލައިސަންސް ދިނުމުގައާއި، އެއުޅަނދުތަކުން އިންޑިއާ ކަނޑުގައި ކުރާ މަސްވެރިކަން މޮނިޓަރކޮށް ބެލެހެއްޓުމަށް ޚާއްސަ މިންގަނޑުތަކެއް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، ސްވައިއޯ.އެފް.ސީ އާއި ގުޅިގެން ކުރިއަށްގެންދާ ސަރަހައްދީ އެހެން ޕްރޮޖެޓްތަކާއި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާއި، އެމަސަކަތްތައް ހަރުދަނާކޮށް އޭގެ މަންފާ މެމްބަރު ގައުމުތަކަށާއި ސަރަހައްދުގެ މަސްވެރިކަމަށް އެންމެ ބޮޑަށް ކުރާނެގޮތަކަށް އިންތިޒާމްތައް ހަމަޖައްސުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މިގޮތުން، ސަރަހައްދުގެ މަސްވެރިކަން ތަރައްގީކޮށް ކުރިއަރުވައި ދެމެހެއްޓެނިވި މަސްވެރިކަމަކަށް ސަޕޯޓްކޮށް ހިންގޭ ޕްރޮޖެކްޓްތަކުގެ ތެރެއިން ސްވައި.އޯ.އެފް.ސީ އާއި ގުޅިގެން ހިންގޭ ޕްރޮޖެކްޓްތަކުގެ ތެރޭގައި ވޯލްޑް ބޭންކް ޕްރޮޖެކްޓް، އެކޯސިސްޓަމް އެޕްރޯޗް ޓު ފިޝަރީޒް- ނަންސެން ޕްރޮގްރާމް،ސައުތު އެފްރިކަން ޑިވެލޮޕްމަންޓް ކޮމިއުނިޓީ އަދި ނައިރޯބީ ކޮންވެޝަން ހިމެނެއެވެ.

މިކޮމިޝަންގެ މެމްބަރު ގައުމުތަކަކީ ދިވެހިރާއްޖޭގެ އިތުރުން، ސައުތުއެފްރިކާ، ކެންޔާ، ސީޝެލްސް، މޮރިޝަސް، މަޑަގަސްކަރ، ކޮމޯރޯސް، މޮޒަމްބީކް، ތަންޒޭނިއާ، ސޮމާލިއާ، ޔަމަން އަދި ފްރާސް-ރިޔޫނިއަން އައިލެންޑްސްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް