ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 15:30
އަލީ ހުސެން ފަލަ ސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ
އަލީ ހުސެން ފަލަ ސުރުޚީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
މަޖިލީހުގެ މައްސޫލިއްޔަތު
މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން
މެންބަރުން ތިއްބަވަނީ މަޖުބޫރީ ހާލަތެއްގައި
މަޖިލީހުގެ ރައީސް ބޭރުކުރެވޭނެ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެންމެ މުހިއްމު ޒިންމާއަކީ ދައުލަތުގެ މުއައްސަސާތައް ޒިންމާދާރު ކުރުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.

 

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ހުސެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ޖުޑީޝިއަލް ސަރވިސް އާ އެނޫންވެސް ދައުލަތުގެ މުހިތްމު މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ.

 

އަލީ ހުސެން ވިދާޅުވީ މަޖްލީހުގެ ޒިންމާއަކީ ދައުލަތުގެ މުއައްސަސާތައް ޒިންމާދާރު ކުރުވުން ކަމަށްވިޔަސް މިއަދު މެންބަރުންނަށް ކަންކަން ނިންމަންޖެހިފައިވަނީ މަޖުބޫރުކަން މަތީގައި ތިބެގެން ކަމަށެވެ.

 

މަޖޫބޫރީ ހާލަތެއްގައި ތިބެ މެންބަރުންނަށް ކަންކަން ނިންމަންޖެހެނީ އެނޫން ގޮތަކަށް އަމަލުކޮށްގެން އެ މެންބަރުންގެ ދާއިރާއަށް ތަރައްޤީ ގެނައުން އުނދަގޫވުމުން ކަމަށް އަލީ ހުސެން ވިދާޅުވިއެވެ.

 

އަލީ ހުސެން ވިދާޅުވި ގޮތުގައި އެގޮތަށް ކަންތައްތައް ވަނީ މަޖްލީހުގެ ރައީސްގެ އަމަލުފުޅުތަކުގެ ސަބަބުންނެވެ. އެގޮތުން ޤާނޫނު އަސާސީއާއި ޚިލާފަށް ވަކި މުއްދަތެއް ނެތް ގޮތެއްގައި ކަންކަން ނިންމަމުންދާ މަންޒަރު ފެނިގެންދިޔަ ކަމަށް އަލީ ހުސެން ވިދާޅުވިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބޭނުންވާ ކަންތައްތައް ބޭނުންވާ ގޮތަށް  ކުރަމުންދާ ކަމަށާއި މަޖިލިސް މެމްބަރުންނަށް މަސައްކަތް ނުކުރެވޭ ވަރަށް ކަންތައްތައް ގޮސްފައިވާ ކަމަށެވެ.

 

"މިސަރުކާރުން އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް ގާނޫނީ އިމުގެ ތެރެއިންނޭ ހުރިހާ ކަމެއް ކުރަމުން އަންނަނީ، އެހެން ނަމަވެސް އަޅުގަނޑު ތަކުރާރުކޮށް ދައްކަމުން އަންނަ ވާހަކައެއް އެއީ ގާނޫނެއްގައި އަދި ލިޔުމަކުން އަދި އެއީ ގާނޫނީ އިމުގެ ތެރެއަކުން ކަންކަން ކުރެވެނީއެއް ނޫން، ޤާނޫނެއްގެ ސިފަ އެއްޗަކަށް އަންނަނީ އިންސާފުވެރިކަމާއި އަދުލުވެރިކަމާއިއެކު ރައްޔިތުންގެ މެދުގައި ކަންކަން ކުރެވުމުން" އަލީ ހުސެން ވިދާޅުވިއެވެ.

 

އަލީ ހުސެން ވިދާޅުވީ މަޖިލީހުގެ މެޖޯރި އޮތުމުގެ ނާޖާއިޒު ފާއިދާ ނަގަމުންދާ ކަމަށެވެ. ނަމަވެސް ޤާނޫނީ ތަރަހައިގެ ތެރޭގައި ކަންކަން ނިންމުމުގެ ޖާގަ އެބަ އޮތް ކަމަށް އަލީ ހުސެން ވިދާޅުވިއެވެ.

 

އިންސާފްވެރިކަމާއި އެކީ އެއްވެސް ކަމެއް މިއަދު ނުހިނގާ ކަމަށާއި ސަރުކާރާއި އެހެނިހެން މުއައްސަސާތަކުން ވެސް ގާނޫނީ އެ ތަރަހައިގެ ތެރޭގައި ކަންކަން ނުހިނގާ ކަމަށް އަލީ ހުސެން ވިދާޅުވިއެވެ.

 

ރައްޔިތުންގެ މަޖލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައަށް އިޝާރާތްކުރައްވަމުން އަލީ ހުސެން ވިދާޅުވީ އެމައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިފަހަރު އޮތް އެންމެ ބޮޑު ޔަޤީން ކަމަކީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންގެ ތާޢީދާއެކު މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓުން ފުރިހަމަ އަޤްލަބިއްޔަތު ލިބި މަޖިލިސް ރައީސް ވަކި ކުރެވުން ކަމަށް އަލީ ހުސެން ވިދާޅުވިއެވެ

- ކޮމެންޓް