އެފްއޭކަޕްގައި މެންޗެސްޓާ ސިޓީ އަދި އާސެނަލް ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ މިޑިލްސްބްރާއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.
މިޑިލްސްބްރާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިން ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު ޑޭވިޑް ސިލްވާ އެވެ.
މި ލަނޑަށްފަހުވެސް ސިޓީން ދިޔައީ މިޑިލްސްބްރާގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލީޑު ފުޅާކުރުމަށްވެސް އެޓީމަށް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން މިޑިލްސްބްރާގެ މައްޗަށް ސިޓީ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ސިޓީން ވަނީ އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ މިޑިލްސްބްރާގެ ހާފަށް ބާރުބޮޑުކޮށް އެޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ.
މެޗުގައި ސިޓީން ކާމިޔާބުކުރި ދެވަނަ ލަނޑު އަދި ފަހު ލަނޑު ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭގެ އެހީތެރިކަމާއެކު ސާޖިއޯ އަގުއެރޯ އެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު އިތުރަށް ފުޅާކުރުމަށްވެސް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ސިޓީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، މިއީ 2013 ވަނަ އަހަރަށްފަހު އެޓީމު މި މުބާރާތުގެ ސެމީން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ލިންކޮން ސިޓީއާ ވާދަކޮށް 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އާސެނަލް އިންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި ލިންކޮން އިން ކުރި މޮޅު ޑިފެންސާއެކު، އާސެނަލް އަށް ލީޑު ނެގުމަށް ހުރަސްތަކާ ދިމާވި އެވެ.
ފުރަތަމަ ހާފްގައި އާސެނަލް އަށް ލީޑު ނެގުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، އެޓީމުން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި ގިބްސްގެ އެހީތެރިކަމާއެކު ތިއޯ ވޮލްކޮޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ލިންކޮންގެ މައްޗަށް އާސެނަލް ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެން އާސެނަލް އިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައިވާއިރު، 55 ވަނަ މިނެޓުގައި ހެކްޓާ ބެލެރިންގެ އެހީތެރިކަމާއެކު އޮލިވާ ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.
އޭގެ ހަ މިނެޓު ފަހުން އާސެނަލް އިން ލީޑު އިތުރަށް ފުޅާކުރިއިރު، މި ލަނޑަކީ ލިންކޮންގެ ލޫކް ވޯޓާފޯލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އާސެނަލް އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 72 ވަނަ މިނެޓުގައި އެލެކްސަސް ސަންޗޭޒް ކާމިޔާބުކުރިއިރު، އޭގެ ތިން މިނެޓު ފަހުން ފަސްވަނަ ލަނޑު ކާމިޔާބުކުރީ އާރޮން ރަމްސީ އެވެ.
މި ނަތީޖާއާއެކު އާސެނަލް މުބާރާތުގެ ސެމީން ޖާގަ ހޯދާފައިވާއިރު، އެޓީމަކީ މިދިޔަ ސީޒަނުގައި އެފްއޭކަޕް ޗެމްޕިއަނުންނެވެ.