Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 14:41
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ޓްވިޓަރ
ސުޕްރީމް ކޯޓު
ޚިޔާނާތްތެރިވި މައްސަލައިގެ އިސްތިއުނާފުގައި އަދީބު އެދުނީ ޖަވާބު ދާރީ ވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް
އަދީބު ހުންނެވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއްގައި
ކޯޓުގައި އިސްތިއުނާފު ކުރީ ޚިޔާނާތްވި ކަމަށް ކަނޑައަޅައި ކުރި އަށް އަހަރުގެ ހުކުމް
އަދީބު ހުންނެވީ ޑޮކްޓަރުންގެ ލަފާގެ މަތިން ގޭ ބަންދުގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޚިޔާނާތްތެރިވި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގައި އެ މައްސަލައިގައި ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިލައްވައިފިއެވެ.

ޖޫން މަހުގެ 3 ވަނަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އިސްތިއުނާފުގެ ޝަރީއަތް ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ.

އަދީބުގެ ވަކީލު އިސްމާއިލް މުހައްމަދު ރާއްޖެއެމްވީއަށް ވިދާޅުވީ ދައުލަތުން ކުރާ ޚިޔާނާތްތެރިވި މައްސަލައިގައި އަދީބު އެދިލެއްވީ ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް ކަމަށާއި ޝަރީއަތުން އެފުރުސަތު ދެއްވާފައިވާ ކަމަށެވެ.

Advertisement

އަދީބު ޚިޔާނާތްވި ކަމަށް ކަނޑައަޅައި ކުރި އަށް އަހަރުގެ ހުކުމަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ހުކުމެވެ. އެހުކުމް ބާތިލް ކުރުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް އަންގާ ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދީބަށް ދައުވާ ކޮށްފައިވަނީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ތަހުގީގު ކުރުމަކާ ނުލައި މިހާރު ދައުވާކުރެވިފައިވާ ގޮތުގެ މަތިން އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށް ބުނެ އެމައްސަލަ ޕީޖީއަށް އަނބުރާ ފޮނުވާލާފައެވެ. ޚިޔާނާތުގެ މައްސަލަ ހިމެނޭގޮތަށް އަދީބަށް ކުރި 13 މައްސަލައެއްްގެ ދައުވާއާއި ލޯންޗުކޮޅު މައްސަލައިގައި އޭނާއަށް ކުރި 15 އަހަރުގެ ހުކުމް ބާތިލްކުރުމަށް ފަހު އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އެންގި އެންގުން ނުބެލުމަށް އޭރު އެކޯޓުން ވަނީ ނިންމާފައެވެ.

ޚިޔާނާތުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށާއި ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދިފައެވެ. ސުޕްރީމް ކޯޓުން ޕާސްޕޯޓް ހިފެއްޓުމަށް އަމުރު ކޮށްފައިވަނިކޮށް އަދީބު ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފިއްލަވައި ވަޑައިގެންފައެވެ. ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ރާއްޖެއިން ބޭރަށް ކަނޑުމަގުން ވަޑައިގެން ފިއްލެވި މައްސަލައިގައި އަދީބުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ އޭނާ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ މިމަހުގެ 19 ވަނަ ދުވަހު ކޮށްފައެވެ. އެ ހުކުމް މިހާރު ތަންފީޒު ކުރައްވަމުން އަންނައިރު އަދީބު ހުންނެވީ ޑޮކްޓަރުންގެ ލަފާގެ މަތިން ގޭ ބަންދުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
29 ސެޕްޓެންބަރ 2019 | އާދީއްތަ 18:36
މިވެސް ކުށްވެރިން
https://images.app.goo.gl/ir2abb3KbjA7DFKH7