Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 10:00
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތުގައި ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތުގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން
އޭސީސީއިން ރައީސް ޔާމީނަށް ފޮނުވި ސިޓީއަކީ "އެސްކްރޯ އެކައުންޓް ހުޅުވަން އެދި ފޮނުވި ސިޓީ
އިސްލާމިކް ބޭންކުގައި އެސްކްރޯ އެކައުންޓް ނުހެދީ އެސްއޯއެފްގެ ފައިސާގައި އަތް ނުލުމަށް އޭސީސީއިން ބުނުމުން ކަމަށް ވިދާޅުވި
ނަމަވެސް އޭސީސީއިން އެކަން ދޮގުކުރޭ، އެފަދަ ސިޓީއެއް ރައީސް ޔާމީނަކަށް ނުފޮނުވާ
ދައުލަތުން ރައީސް ޔާމީންގެ މައްޗަށްކުރަނީ މަނީ ލޯންޑަރިންގެ ދައުވާ

އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ އަހަރުގެ ފެބްރުއަރީ 21 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުވި ސިޓީއަކީ އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ވަތް އެއް މިލިއަން ޑޮލަރު އެކޮމިޝަންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހުޅުވަން އެދުނު "ރިކުއެސްޓް ލެޓަރ" ކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ބުދަ ދުވަހު ބޭއްވި ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އިސްލާމިކް ބޭންކުގައި އެސްކްރޯ އެކައުންޓް ނުހެދީ އެސްއޯއެފްގެ ފައިސާގައި އަތް ނުލުމަށް އޭސީސީ އިން އެދުމުން ކަމަށާއި އެކަމަށް އެދި އެ ކޮމިޝަނުން ސިޓީ ފޮނުވާފައިވާކަމަށެވެ. އޭސީސީއިން އެމަނިކުފާނަށް "އެސްއޯއެފުން ޖަމާކޮށްފައިވާ ފައިސާގައި އަތް ނުލުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގައި ސިޓީއެއް ފޮނުއްވި" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެސިޓީގައި އޮތީ އެއިބާރާތުން ކަމަށް އެދުވަހު އެމަނުކުފާނު ވިދާޅުވިއެވެ. އޭސީސީއަށް އެފައިސާ އެސްކްރޯ ކުރެވިފައި ބެހެއްޓިދާނެ ކަމަށް އެމަނިކުފާނު އަމިއްލަ ފުޅަށް އިސްނަންގަވައިގެން ވިދާޅުވެފައިވާކަމަށާއި ނަމަވެސް އޭސީސީއިން އެދުނީ އެސްކްރޯ އެކައުންޓް ހުޅުވަން ޖެހޭނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަމަށް އެދެވަހުގެ ޝަރީއަތުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

މި ފައިސާ ދައުލަތުގެ ފައިސާއަށް ފަހަރުގައިވެސް ވެދާނެ ކަމަށް އިސްނެގީ އަޅުގަނޑު. އެއިން އަޅުގަނޑުގެ ހެޔޮ ނިޔަތް އަދި ރަނގަޅު ނިޔަތް އަޅުގަނޑު ސާބިތު ކޮށްދެމުން މި އަންނަނީ. އެސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓާދޭނަމޭ އަޅުގަނޑު ބުނި ހިސާބުން 21 ފެންރުއަރީ 2018 ގައި އޭސީސީއިން ރައީސް ޔާމީނަށް އޮންނާނީ އެންގުމެއް އަންގާފައި ސިޓީއަކުން. އެ އެންގުމުގައި އޮންނާނީ އެމްއައިބީގައި ހުރި ފައިސާގައި މިއަދުން ފެށިގެން އަތް ނުލާށޭ. ހަމަ ކަނޑައެޅިގެން އިބާރާތުން އޮންނާނެ. 2018 ފެބްރުއަރީ 21 ގައި. އޭސީސީއިން ރައީސް ޔާމީނަށް ފޮނުވި ސިޓީގައި އޮންނާނެ.އެހެންވީމާ އެމްއައިބީގައި ހުރި ފައިސާގައި އަތް ނުލަން ތަހުގީގީ އިދާރާއަކުން ނުވަތަ އޭސީސީއިން އަންގާފައި އޮއްވާ އޭގެ ފަހުން އެސްކްރޯ އެކައުންޓެއް ހުޅުވުނީމާ އޭގެ ފަހުން އަޅުގަނޑަކަށް ނުވިސްނޭ އެ ފައިސާ ނަގައިގެން ޖަމާކުރެވޭނެ ގޮތެއް.

ނަމަވެސް ރާއްޖެއެމްވީއިން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އޭސީސީއިން ރައީސް ޔާމީނަށް ފެބްރުއަރީ 21 ގައި ފޮނުވާފައިވާ ސިޓީއަކީ "އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ވަތް އެއް މިލިއަން ޑޮލަރުގެ މައްސަލަ އޭސީސީއިން ބަލަމުން ދާތީ އެފައިސާއިން އެއްވެސް ވަރަކަށް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް އެސްކްރޯ އެކައުންޓް ހުޅުވުމަށްފަހު ފައިސާ ޖަމާކުރުމަށް ހުޅުވުމަށް އެދި ފޮނުވާފައިވާ ސިޓީ" އެކެވެ.

އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްއިން ޖަމާކުރި ފައިސާގައި އަތް ނުލުމަށް އޭސީސީއިން އަންގާފައިވަނީ 2018 ވަނަ އަހަރު ކަމަށާއި 2017 ވަނަ އަހަރު އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ޖަމާކޮށްފައިވަނީ އެމަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އެކައުންޓުން އެމަނިކުފާނުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެވެ. އެކަން ޒަމީރު ވެސް ވަނީ ޝަރީއަތުގައި ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ޝަރީޢަތުގެ ތެރެއިން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނަގަނީ

އެސްއޯއެފްގެ ފައިސާ އެކައުންޓަށް ޖަމާވިކަން އެ ބޭންކުން ވެސް އަންގާފައި ނުވާ ކަމަށާއި އެކަން އެނގުނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ 2016 ވަނަ އަހަރު ފޯނުން ގުޅުއްވައި އެންގެވުމުން ކަމަށް ވިދާޅުވިއެވެ. އަދި އެފައިސާއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޕާޓީގެ ކެންޕެއިނަށް ދެއްވި ފއިސާ ކަމަށް ވިދާޅުވެފައި ވެއެވެ. އެ ފާއިސާއަކީ ކެމްޕޭން ފާއިސާ ނޫންކަން ސާބިތު ކުރުމަށް ދައުލަތުން އެމަނިކުފާނާއި ދެކޮޅަށް ހެކިބެހެއްގެ ގޮތުގައި އަދީބު ހުށައެޅުއްވިއެވެ. އަދީބު ވިދާޅުވެފައިވަނީ އެސްއޯއެފްގެ ފައިސާ ޖަމާކުރުމަށް އިސްލާމިކް ބޭންކުގެ މެނޭޖަރުގެ ނަންބަރު ހޯއްދަވައި އެމަނިކުފާނުގެ އޯޑަރަށް އެސްއޯއެފްގެ މީހުން ލައްވައި އެއްމިލިއަން ޑޮލަރު ޖަމާ ކުރެއްވިކަން ރައީސް ޔާމީނަށް އެނގިލައްވާނެ ކަމަށާއި އެވާހަކަ އެސްއޯއެފްގެ މީހުން އޭނާގެ ގާތު ދެއްކި ކަމަށެވެ. އަދި އެއީ ކެންޕެއިން ފައިސާ ނޫންކަމަށާއި އެފައިސާ އަކީ ގއ.ވޮޑަމުލާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ އެސްކްރޯ އެކައުންޓަށް ކޮންމެ ފައިސާއެއް ޖަމާކުރި ކަމުގައި ވީނަމަވެސް ފައިސާ ވާނީ ފައިސާއަށް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެސްކްރޯ އެކައުންޓް ހުޅުވީ އެމަނިކުފާނު އަމިއްލައަށް ބޭނުންވެގެން ކަމަށާއި އެސްކްރޯ އެކައުންޓަށް އިސްލާމިކް ބޭންކް އެކައުންޓުން ނޫން އެހެން އެކައުންޓަކުން ފައިސާ ޖަމާކުރަން ޖެހުނީ ޝައްކު ކުރެވޭ ފައިސާތައް އަތްޕުޅުގައި ނުބަހައްޓަވަން ވެގެންކަަމަށެވެ. ނަމަވެސް އޭސީސީއިން ބުނެފައިވަނީ އެސްކްރޯ އެކައުންޓަށް ޖަމާކުރަންޖެހޭނީ ކޮން ފައިސާއެއްކަން އެގްރިމެންޓުގެ ތިންވަނަ މާއްދާގައި ބަޔާން ކޮށްފައި ވާނެ ކަމަށެވެ. ރާއްޖޭގެ ބޭންކިން ނިޒާމް އޮތްގޮތުން އެހެން ބޭންކެއްގައި ހުންނަ ފައިސާ އެހެން ބޭންކްތަކަށް ޓްރާންސްފަރ ކުރެވޭނެ ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް