Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 19:02
އެމްވީކްރައިސިސް
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ: ގެތަކުގެ އިންސްޕެކްޝަން ދަނީ ކުރިއަށް!
04 ގެއެއްގެ ކްލިއަރެންސް ވަނީ ލިބިފައި
މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކަމަށާއި، އެސަރަހައްދުގެ ގެތަކުގެ އިންސްޕެކްޝަން ހަދަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ރާއްޖެއެމްވީއަށް ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ގޭބިސީގެ 326 ފަރާތެއްގެ 136 ކޮޓަރި ބަލަހައްޓަމުންދާ ކަމަށެވެ.

Advertisement

ހިސާން ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ވަގުތީ ބޯހިޔާވަހިކަމުގައި ތިބި އާއިލާގެ ތެރެއިން ބައެއް އާއިލާތަކުގެ ގެތަކަށް ވަނުމަށްޓަކައި އެގެތަކުގެ އިންސްޕެކްޝަން ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި 04 ގެއެއްގެ ކްލިއަރެންސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިމަސައްކަތް ކުރަމުންދަނީ އެންޑީއެމްއޭގެ އިތުރުން ހެލްތް މިނިސްޓްރީ، ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް އަދި ޕްލޭނިން މިނިސްޓްރީ ގުޅިގެން ކަމަށް ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި މީހުންނަށް ނުރައްކާތެރިވެދާނެ ގޮތްގޮތަށް ހުރި ކުޑަދޮރު ނުވަތަ އަލިފާނުގެ ސަބަބުން ގެއްލުންވެފައިވާ އެއްޗެހިތައް އުސްއިމާރާތްތަކުން ނެގުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި އެސަރަހައްދުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރާކަން ހިސާން ފާހަގަކުރެއްވިއެވެ.

786 ފަރާތަކަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ. އޭގެ ތެރެއިން މިދެންނެވީ 326 ފަރާތެއް މިހާރު ވެސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި. ގާކޮށީގެ 14 އެޕާޓްމެންޓެއް ހެޔޮ އެދޭ ބައެއް ފަރާތްތަކުގެ ގެތަކުގައި އަދި އެކިއެކި ހޮޓާ ގެސްޓްހައުސްތަކުގައި ބޭއްތިއްބެވިފައިވާ ވާހަކަ މިދެންނެވީ.
ހިސާން ހަސަން / ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން -- ފޮޓޯ: ރާއްޖެ.އެމްވީ

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނާއި ބެހޭ ގޮތުން ހިސާން ވިދާޅުވީ ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ބެލުމުގެ ދަށުގައި މިހާރު އެއްވެސް ބިދޭސީއެއް ނެތް ކަމަށާއި، ނަމަވެސް ބިދޭސީންނަށް އެމީހުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް