ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 00:38
މިނިވަން 50އާ ދިމާކޮށް ބަނދެފައިވާ ކަޅުއޮއްފުންމި: ސައޫދީ ރަސްގެފާނަށް ހަދިޔާކުރުމުގެ ވާހަކަތައް ވަނީ ފެތުރިފައި
މިނިވަން 50އާ ދިމާކޮށް ބަނދެފައިވާ ކަޅުއޮއްފުންމި: ސައޫދީ ރަސްގެފާނަށް ހަދިޔާކުރުމުގެ ވާހަކަތައް ވަނީ ފެތުރިފައި
ގޫގުލް
ކަޅުއޮއްފުންމި
ކަޅުއޮއްފުންމި ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭކަމުގެ އަޑު ފެތުރިއްޖެ
ކަޅުއޮއްފުންމި މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށުން މާލެއަތޮޅު ފުނަދޫއަށް ގެންގޮސްފައި
ސިފައިން ދަނީ ހޯމްމިނިސްޓްރީން އަންގައިގެން ކަޅުއޮއްފުންމި މަރާމާތު ކުރަމުން

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމާއި ގުޅުވައިގެން ބަންދެފައިވާ "ކަޅުއޮއްފުންމި" ސައުދީ ރަސްގެފާނަށް ހަދިޔާ ކުރަން އުޅޭ ކަމުގެ އަޑު ފެތުރިއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު ރާއްޖެއަށް ކުރައްވާ ދަތުރު ފުޅުގައި ރާއްޖެއިން އެމަނިކުފާނަށް އަރުވާ ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި "ކަޅުއޮއްފުންމި" އެރުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކަމަށްޓަކައި ކަޅުއޮއްފުންމި މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިމައުލޫމާތު މިގޮތައް ލިބިފައިވަނިކޮށް ހޯމް މިނިސްޓްރީގެ އެދިލެއްވުމަކަށް ސިފައިންގެ ބެލުމުގެ ދަށުން ކަޅުއޮއްފުންމި ވަނީ މާލެއަތޮޅު ފުނަދޫއަށް ގެންގޮސްފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ "ކަޅުއޮއްފުންމި" މަރާމާތު ކުރަމުންދާ ކަމަށާއި އެކަމަށްޓަކައި "ކަޅުއޮއްފުންމި" ކ ފުނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މިމަސައްކަތް ސިފައިން ކުރަމުން ގެންދަނީ ހޯމް މިނިސްޓްރީގެ އެދިލެއްވުމަކަށް ކަމަށެވެ.

ކަޅުއޮއްފުންމި ސަޫދީ ރަސްގެފާނަށް ހަދިޔާ ކުރެއްވުމަށް އުޅޭކަމުގެ އަޑުފެތުރިފައިވާތީ އެއީ ހަޤީގަތެއްތޯ ދެންނެވުމުން އާޒިމް ވިދާޅުވީ އެފަދަ ކަމެއް އަންގަވާފައި ނުވާ ކަމަށާއި މަރާމާތު ކުރަމުން ގެންދަވާ ކަމަށެވެ.

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ސައޫދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ކުރިން މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ހޭދަކުރެއްވުމަށް ހަމަޖެހިފައިވާއިރު މިހާރު މިމަހުގެ 28 އާ ހަމައަށް ރަސްގެފާނު ރާއްޖޭގައި ހުންނަވާނެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު މާލެއަށް ވަޑައިގަތުމާ ދިމާކޮށް ރަސްމީ ފާލަމުގެ ތެރެއަށް ކާރު ވެއްދޭ ގޮތަށް އެފާލަން ވަނީ ބަދަލުކޮށްފައެވެ.

ނަމަވެސް އެކަން ކުރެއްވި ފަހުން މިހާރު އަންގަވާފައިވަނީ ސައޫދީ ރަސްގެފާނު މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި ކަމަށެވެ. ސައޫދީ ރަސްގެފާނުގެ ދަތުރުފުޅާ ގުޅިގެން މާލެ އަތޮޅުން ފަސްތަރީގެ 3 ރިސޯޓެއް 13 ދުވަހަށް ވަނީ ބުކްކޮށްފައެވެ.

ތިން ރިސޯޓް އެއްކޮށް ބުކް ކުރައްވާފައިވާއިރު، ސައުދީ ރަސްގެފާނު ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާ ދުވަސްކޮޅު އެމަނިކުފާނު ހުންނަވާ ރިސޯޓުގެ އެއްވެސް މުވައްޒަފަކު ރިސޯޓުން ބޭރަށް ދިއުންވެސް މަނަ އެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަސްގެފާނު ދަތުރުކުރައްވާ މަތިންދާބޯޓުގެ އިތުރުން ފަސް މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ރާއްޖެ އާދެ އެވެ.

މިދަތުރުފުޅަށްޓަކައި މާލޭގައި ތަފާތު ތައްޔާރީތައް ދަނީ ކުރަމުންނެވެ.

- ކޮމެންޓް