ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 15:29
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ކްރިމިނަލް ކޯޓު
އިސްލާމިކް ބޭންކުގައި އެސްކްރޯ އެކައުންޓް ނުހެދީ އެސްއޯއެފްގެ ފައިސާގައި އަތް ނުލުމަށް އޭސީސީއިން ބުނުމުން: ރައީސް ޔާމީން
 
ދިފާއުގައި ކިތާބީ ހެކީގެ ގޮތުގައި ހުށައެޅުއްވީ އެންމެ ދެ ހެކި
 
"ދައުލަތަކަށް ސާބިތެއް ނުކޮށްދެވޭ ނުވެސް ކޮށްދެއްވޭނެ އެއީ މިފައިސާތޯ އެފައިސާތޯ"
 
ދައުލަތުން ރައީސް ޔާމީންގެ މައްޗަށްކުރަނީ މަނީ ލޯންޑަރިންގެ ދައުވާ

އިސްލާމިކް ބޭންކުގައި އެސްކްރޯ އެކައުންޓް ނުހެދީ އެސްއޯއެފްގެ ފައިސާގައި އަތް ނުލުމަށް އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ބުދަ ދުވަހު ބޭއްވި ޝަރީއަތުގައި އެމަނިކުފާނު ވިދާޅުވީ އޭސީސީއިން އެދުނީ އެސްއޯއެފްގެ ފައިސާ އެސްކްރޯ އެކައުންޓުގައި ބަހައްޓަން ކަމަށެވެ. އަދި އޭސީސީއަށް އެފައިސާ އެސްކްރޯ ކުރެވިފައި ބެހެއްޓިދާނެ ކަމަށް އެމަނިކުފާނު އަމިއްލަ ފުޅަށް އިސްނަންގަވައިގެން ވިދާޅުވެފައިވާކަމަށާއި ނަމަވެސް އޭސީސީއިން އެދުނީ އެސްކްރޯ އެކައުންޓް ހުޅުވަން ޖެހޭނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ކަމަށެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް އެކައުންޓުން ދެފަހަރެއްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވެއެވެ. އެކަމުގައި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާއިރު އެފައިސާ އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވުން ހަދާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ނަމަވެސް އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއްކަމާއި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް އެފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވެއެވެ. ދައުލަތުން ބުނެފައިވަނީ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުން ރައީސް ޔާމީން 36 މަސް ދުވަހަށް އިންވެސްޓުކޮށް ފައިދާ ހޯއްދަވާފައިވާ ކަން ހާމަވާކަމަށެވެ.

ބުދަ ދުވަހު ބޭއްވި ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާ ހޯދުމަށް އޭސީސީއިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެކަމަށެވެ. އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ފޮރުވައި އޭގެ އަސްލު އޮޅުވާލަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ނިޔަތް ރަނގަޅު ކަމަށް ވިދާޅުވިއެވެ. އެ ފައިސާ އެއީ ދައުލަތުގެ ފައިސާއަށް ވެދާނެކަމަށް ހީކުރައްވައި އެސްކްރޯ އެކައުންޓަށް ޖަމާކުރަން އޭސީސީގައި އެދިލެއްވި ކަމަށް ވިދާޅުވިއެވެ. އެގޮތަށް އެދިލެއްވުމުން އޭސީސީއިން އެމަނިކުފާނަށް "އެސްއޯއެފުން ޖަމާކޮށްފައިވާ ފައިސާގައި އަތް ނުލުމަށް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ގައި ސިޓީއެއް ފޮނުއްވި" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ފައިސާ ދައުލަތުގެ ފައިސާއަށް ފަހަރުގައިވެސް ވެދާނެ ކަމަށް އިސްނެގީ އަޅުގަނޑު. އެއިން އަޅުގަނޑުގެ ހެޔޮ ނިޔަތް އަދި ރަނގަޅު ނިޔަތް އަޅުގަނޑު ސާބިތު ކޮށްދެމުން މި އަންނަނީ. އެސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓާދޭނަމޭ އަޅުގަނޑު ބުނި ހިސާބުން 21 ފެންރުއަރީ 2018 ގައި އޭސީސީއިން ރައީސް ޔާމީނަށް އޮންނާނީ އެންގުމެއް އަންގާފައި ސިޓީއަކުން. އެ އެންގުމުގައި އޮންނާނީ އެމްއައިބީގައި ހުރި ފައިސާގައި މިއަދުން ފެށިގެން އަތް ނުލާށޭ. ހަމަ ކަނޑައެޅިގެން އިބާރާތުން އޮންނާނެ. 2018 ފެބްރުއަރީ 21 ގައި. އޭސީސީއިން ރައީސް ޔާމީނަށް ފޮނުވި ސިޓީގައި އޮންނާނެ.އެހެންވީމާ އެމްއައިބީގައި ހުރި ފައިސާގައި އަތް ނުލަން ތަހުގީގީ އިދާރާއަކުން ނުވަތަ އޭސީސީއިން އަންގާފައި އޮއްވާ އޭގެ ފަހުން އެސްކްރޯ އެކައުންޓެއް ހުޅުވުނީމާ އޭގެ ފަހުން އަޅުގަނޑަކަށް ނުވިސްނޭ އެ ފައިސާ ނަގައިގެން ޖަމާކުރެވޭނެ ގޮތެއް.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރި ފައިސާގައި އަތް ނުލެއްވުމަށް އޭސީސީއިން ބުނެ މިދިޔަ އަހަރުގެ ފެބްރުއަރީގައި ސިޓީ ފޮނުއްވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު އެމައްސަލައިގައި ދިފާއުގައި އެމަނިކުފާނުގެ ފަރާތުން އެ ސިޓީ ޝަރީއަތަށް ހުށައަޅުއްވާފައެއް ނުވެއެވެ. ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި ޝަރީއަތަށް ހުށައަޅުއްވާފައި ވަނީ މަނީ ލޯންޑްރިންގެ އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެ އެމްއެމްއޭ އިން ނެރުނު ނޫސް ބަޔާނެކެވެ. އެނޫސްބަޔާނަކީ އަލްޖަޒީރާ އިން ގެނެސްދިން "ސްޓީލިން ޕެރެޑައިސް" ރިޕޯޓުގައި ހުރި ކަންކަން ދޮގުކޮށް އެމްއެމްއޭއިން ނެރުނު ބަޔާނެވެ.

މީގެ އިތުރުން އެމްއެމްއެމްޕީއާރުސީ އާއި އެސްއޯއެފްއާ ދެމެދު ހިނގި މުއާމަލާތުތަކާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް އެކަންޏެވެ.

ރައީސް ޔާމީން ވިދާޅުވީ އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާއެއް ކަމެއް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެއް ބޭންކެއްގެ އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަކީ އޭގެ އަސްލު އޮޅުވާލުން ކަމެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ގއ. ވޮޑުމުލާގެ ފައިސާ އެމަނިކުފާނަށް ލިބެންޖެހޭ ސަބަބެއް އަދީބާއި ޒިޔާތު ގެނެސް ހެކި ބަސް ނަގައިގެން ވެސް ބުނެދެވިފައިނެތް ކަމަށެވެ.

ދައުލަތަކަށް ސާބިތެއް ނުކޮށްދެވޭ ނުވެސް ކޮށްދެއްވޭނެ އެއީ މިފައިސާތޯ އެފައިސާތޯ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ވިދާޅުވީ ދައުލަތަށް މުހިންމު ވާނީ ފައިސާގެ މިންވަރު ކަމަށާއި ފައިސާ ވާނީ ފައިސާއަށް ކަމަށެވެ. ދައުލަތުން ބޭނުންނަމަ މިހާރު ވެސް ނެގޭ ގޮތަށް އެމަނިކުފާނުގެ އެކައުންޓުގައި އެއް މިލިއަން ޑޮލަރު އެ އެކައުންޓުގައި އެއް މިލިއަން ޑޮލަރު ހުންނާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ދައުވާއަކީ މިހާރުގެ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭ ދައުުވާއެއް ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
67%
0%
0%
0%
17%
17%
ކޮމެންޓް